08 May 2015, 15:40
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށާއި ކަސްޓަމް ޚިދުމަތަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް 'ފަން ރަން' ގެ ނަމުގައި ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.
މިދުވުން ފެށުމުގެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އަދި މިނިސްޓަރ ޢުމަރު ވަނީ މިދުވުމުގައި ބައިވެރިވެވަޑައިގެން ދުވުން ފުރިހަމަ ކުރައްވާފައެވެ.
މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް ޢާދިލް ރިޒާގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންވެސް ވަނީމިދުވުމުގައި ބައިވެރިވެވަޑައިގެން ދުވުން ފުރިހަމަ ކުރައްވާފައެވެ.
މިނިވަން 50 ފާހަގަ ކުރުމަށާއި ކަސްޓަމަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ދުވުމުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމް
ކަސްޓަމްސް ބިލްޑިންގ ކުރިމަތިން މިއަދު ހެނދުނު 6:15 ގައި ފެށުނު މިދުވުން ނިންމާލާފައިވަނީ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗާ ހަމަޔަށެވެ. އަދި އެއަށްފަހު ހެންވޭރު ދަނޑުގައިވެސް ކަސްޓަމްގެ މުވައްޒަފުން ވަނީ ބައެއް ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ފެމެލީ ޑޭ" ގެ ނަމުގައި ޚާއްސް ހަރަކާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިނިވަން 50 ފާހަގަ ކުރުމަށާއި ކަސްޓަމަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް ޙަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމް
މިހަރަކާތް މާލޭގައި ހުންނަ ކަސްޓަމްގެ މައި އޮފީހާއި، އެއާޕޯޓާއި ސަރަހައްދީ އޮފީސްތަކުގައިވެސް ހިންގުމަށް ހަމޖެހިފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި މިމަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދު ސާފުކުރުމަށްވެސް ނިންމާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.