08 May 2015, 15:03
ބޮލީވްޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ކުރި، ފަސް އަހަރަށް ޖަލަށް ލުމުގެ ހުކުމް، އެ މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ގެދޮރު ނެތް ބަޔަކު ޕޭވްމަންޓް މަތީގައި ނިދާަފައި ތިއްބައި އެ މީހުންގެ މަތީން ކާރު ގޮސް، އެކަކު މަރުވި މައްސަލަ ސަލްމާގެ މައްޗަށް ސާބިތުވެ ބުދަ ދުވަހު އޭނާ ވަނީ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ބުދަ ދުވަހުގެ ހުކުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މީހުންގެ މަތީން ކާރު ދިޔަ އިރު، ކާރު ދުއްވަން އިނީ ސަލްމާން ކަމަށާއި އޭރު އޭނާ އިނީ ރާ ބޮއިގެން މަސްތުގެ ހާލުގައި ކަމަށެވެ.
އެ ހާދިސާގައި އިތުރު ހަތަރު މީހަކު ޒަހަމުވި އެވެ.
ބީބީސީ އިން މިއަދު ބުނީ ހާން މިއަދު ޖަލަށް ލާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރި ކަމަށާއި ނަމަވެސް ހައި ކޯޓުން ނިންމީ ހާން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްފައި ބެހެއްޓުމަށް ކަމަށެވެ.
އެ މައްސަލައިގެ ފައިނަލް އަޑުއެހުން އޮންނާނީ އަންނަ ޖުލައި މަހު އެވެ.
ދަށު ކޯޓުގެ އަޑުއެހުންތަކުގައި ހާން ބުނީ އެކްސިޑެންޓް ހިނގި އިރު، ކާރު ދުއްވަން އިނީ އޭނާގެ ޑްރައިވަރު ކަމަށެވެ. ނަމަވެސް ކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ ހާދިސާ ހިނގި އިރު، ކާރު ދުއްވަން އިނީ ހުދު ސަލްމާން ހާން ކަމަށެވެ. އަދި އޭރު އޭނާ އިނީ މަސްތުގެ ހާލުގައި ކަމަށެވެ.
ބުދަ ދުވަހު ހާންގެ މައްޗަށް ދަށު ކޯޓުން ޖަލަށް ލުމަށް ހުކުމް ކުރުމާ އެކު އޭނާގެ ވަކީލުން މައްސަލަ ހައި ކޯޓަށް ހުށަހެޅި އެވެ. އަދި ހާން ދަށު ކޯޓުގައި އިންދައި އޭނާގެ މައްޗަށް ކުރި ޖަލު ހުކުމް ވަނީ ސަސްޕެންޑްކޮށް، ދެ ދުވަހަށް ގެ އަށް ބަދަލުކޮށްފަ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭނާ ދިޔައީ ސީދާ ގެއަށެވެ. އަދި އޭރު އެތައް ފިލްމީ ތަރީންނެއް ތިބީ އޭނާގެ އިންތިޒާރުގައި ގޭގަ އެވެ.
ހާންގެ ރައްޓެހިންނާއި ކޮލީގުންނާއި އަދި ފޭނުން އޭނާގެ ދިފާއުގައި ވާހަކަ ދެއްކި އެވެ. ނަމެވެސް އެ ނޫން މީހުން ބުނީ އޭނާ އާއި އެހެން މީހުންގެ މެދުގައި ތަފާތެއް ހުރެގެން ނުވާނެ ކަމަށެވެ. ކުށެއް ކޮށްފި ނަމަ މޮޅު މީހެއް ދެރަ މީހެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެންމެންގެ މެދުގައި ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ.
ކޯޓުގެ ބޭރު ގަޔާއި އަދި ހާންގެ ގެ ކައިރީގައި އޭނާގެ ސްޕޯޓަރުން މިއަދު ވަނީ ކާމިޔާބީ ފާހަގަކޮށްފަ އެވެ.
ހާން އަކީ ބޮލީވްޑްގެ ފިލްމްތަކުގައި ވަރަށް މަޝްހޫރު އެކްޓަރެކެވެ. އޭނާ ވަނީ ހިންދީ ބަހުން ކުޅެފައިވާ 80 އަށް ވުރެ ގިނަ ފިލްމްގައި އެކްޓްކޮށްފަ އެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި ދަބާންގް، ރެޑީ، ބޮޑީގާޑް، މައިނޭ ޕިޔާރުކާ، ހުމް އާޕްކޭ ހައިން ކައުން ފަދަ ފިލްމްތައް ހިމެނެ އެވެ.