ގެސްޓް ހައުސްއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ 20 ބްލެޓާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މާލޭގެ ގެސްޓްހައުސް އެއްގައި ބަހައްޓައިގެން ވިއްކަމުންދާ ކަމަށް ޕޮލިސް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 7:00 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވަނީ މ.ރޭއަލިވާ ގެސްޓް ހައުސްގެ އެޕާޓްމަންޓެވެ.

އެތަން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި އެ މައްސަލާގައި ހައްޔަރުކުރި ދެމީހުން ގެސްޓުހައުސްގައި އުޅުނު އެޕާޓްމަންޓުން ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން 14 ފަހަރު ސުވާލުކޮށް ތިން ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.