ޓެލެސްކޯޕް މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކައިރިން އިރު ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމުން ކައިރިން އިރު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ރާޅުގަނޑު ސަރަހައްދަށް ގޮސްފި އެވެ.

ކައިރިން އިރު ބަލާލުމަށް މިއަދު ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން ވަނީ ރާޅުގަނޑު ސަރަހައްދަށް ޖަމާވެފައެވެ. ކައިރިން އިރު ބަލާލުމަށް އާންމުންނަށް ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 9:30އާ ހަމައަށެވެ.

ކުޑަކުއްޖަކު ޓެލެސްކޯޕްގެ އެހީގައި ކައިރިން އިރު ބަލާލަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބޭއްވި ހަރަކާތުގައި ދެ ޓެލެސްކޯޕެއް ވަނީ ބޭނުންކޮށްފައި އެވެ.

ސައިންސުގެ ދިރާސާތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ "ސައިންސް އެންމެނަށް"ގެ ފައުންޑާއެއް ކަމަށްވާ މުސައްނިފް ޒާހިރު ސަން އަށް ވިދާޅުވީ ކައިރިން އިރުބަލާ ޓެލެސްކޯޕްތަކަކީ ސޯލާ ފިލްޓަރެއް ލާފައި ހުންނަ ޓެލެސްކޯޕްތަކެއް ކަމަށެވެ.

ކައިރިން އިރު ބަލާމުގެ އިތުރުން މި މަހުގެ ތެރޭގައި ޓެލެސްކޯޕް މެދުވެރިކޮށް ތަރިތައް ބެލޭ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް މުސައްނިފް ވިދާޅުވި އެވެ.

ކައިރިން އިރު ބަލައިލުމަށް ކުރިއަށް ދިޔަ ހަރަކާތުގައި މީހަކު ޓެލެސްކޯޕް މެދުވެރިކޮށް އިރު ބަލާލަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސޭފް ވާނެ ސީދާ އިރާއި ދިމާލަށް ބަލަން، ދެން އަޅުގަނޑުމެންގެ ޓެލެސްކޯޕްތައް ބާރުގަދަވާނެ އިރުތިކި ހަމަ ލޮލަށް ފެންނަހާ ބާތު ގަދަވާނެ،" މުސައްނިފް ވިދާޅުވިއެވެ.