ރާއްޖޭގެ ގައުމިއްޔަތާއި ދީން ދެމެހެއްޓުމަށް ދަމާފައި އޮތް ލައިން އެއްވެސް މީހަކަށް ހުރަސް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ މިސަރުކާރު އޮތީ ސާބިތުކަމާ އެކު ކަމަށާއި ރާއްޖޭގައި އެހެންދީންތަކަށް ޖާގަ ދިނުމަށާއި އެއްޖިންސުން ކައިވެނިކުރުމަށް ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކޮށް. އެއްވެސް ޕްރެޝަރެއް އަޅުގަނޑުމެންނަށް ނުކުރެވޭނެ އެކަންކަން އަޅުގަނޑުމެން ދޫކޮށްލާކަށް. އެއީ ހުރަސް ނުކުރެވޭނެ ލައިނެއް. އަޅުގަނޑުމެން މިގައުމުގެ ވެރިކަމުގައެއް ނޫން މަގުމަތީގައި ތިއްބަސް އެލައިން ހުރަސްކުރިއަކަ ނުދޭނަން. މިގައުމުގައި އެހެން ދީންތަކަކަށް ޖާގައެއް ނުލިބޭނެ. މިގައުމުގައި އަންހެނުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފިރިހެނުންނާ އިންނާކަށް ޖާގައެއް ނުދެވޭނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅުއަޅަން ބައެއް ގައުމުތަކުން މަސައްކަތް ކުރާއިރު، ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓަށް ދާދިފަހުން ހުށަހެޅި ގަރާރަށް ތާއީދެއް ލިބިފައިނުވާ ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަނަށް ހުށަހެޅުނު ގަރާރަކީ ވެސް. އެކަމަކު ބަލައިލަމާ ހިނގާ ކިހާވަރެއްގެ ތާއީދެއްތޯ އެ ގަރާރަށް ލިބުނީ. ގާތްގަނޑަކަށް 750 ޕާލަމެންޓޭރިއަނުން ތިބޭ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުގައި 47 ވޯޓުގަނޑު އިނގޭތޯ ލިބުނީ. އެއްވެސް އެއްޗެއް ނުލިބުނެއް ނޫންތޯ،" އުމަރު ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން އެ ގަރާރު ފާސްނުވުމުން އެމްޑީޕީއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ސާފުވެގެން ހިނގައްޖެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ ވަރަށް ކަންބޮޑުވާރަރު ކޮށްލާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުންދިޔައިރު، ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަދެއްކި 106 ގައުމުގެ ތެރެއިން ރައީސް ނަޝީދުގެ ވާހަކަދެއްކީ އެންމެ ހަތަރު ގައުމުން ކަމަށެވެ. އަދި އެމަނިކުފާނު ޖަލުން މިނިވަންކުރުމަށް ގޮވާލާފައި ވަނީ އެންމެ ގައުމަކުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"106 ގައުމު އަޅުގަނޑު ހަދާންވާގޮތުގައި އެވާހަކަދެއްކީ. ދެއްކި އިރުގައި ހަތަރު ގައުމަކުން އެކަނި ނަޝީދުގެ ވާހަކަ ދެއްކީ ވެސް. އެންމެ ގައުމެއް ނަޝީދު ދޫކޮށްލަން ގޮވާލީ. އެހެންވީމަ އަޅުގަނޑުމެންނަށް އެނގޭ ނަޝީދުގެ އަތުގަ ހިފާފަ ތިބީ ކޮންބައެއްކަން. ނަޝީދު މެދުވެރިކޮށް އެމީހުން ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްކަން. އަދި އެމީހުންގެ ބާރުވެރިކަން ހުރީ ކިހާވަރަކަށް ކަން،" އުމަރު ވިދާޅުވި އެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރު އުމަރު ވިދާޅުވީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ބުނަމުންދާއިރު އެމްޑީޕީ ވަރުގެ އަނިޔާވެރި ބައެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ އަނިޔާވެރިކަން ފެށިގެން ދިޔައީ 2007 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަލިފާން ބޯޅަ އުކައި އެޕާޓީގެ ސަޕޯޓަރުން ތަންތަނުގައި ހުޅުޖެހުމުގެ އަމަލުތައް ހިންގާފައިވާއިރު ފުލުހުންގެ ގަޔަށް ހޫނުފެންޖަހައި އެކިގޮތްގޮތުން އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނަށް އަނިޔާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.