މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 26 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޭގެތެރެއިން 11 މީހަކު ދޫކޮށްލީ އިއްޔެ ކަމަށެވެ. އަދި 15 މީހަކު ރޭގެވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއަދަދަށް މީހުން ދޫކޮށްލުމާ އެކު އެ މުޒާހަރާއާ ގުޅިގެން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 149 މީހެކެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބަންދުން ދޫކޮށްލި އެ އެންމެންނަކީ ވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންނެވެ.