08 May 2015, 10:05
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުން އެންމެ ބޮޑަށް އެދުނީ ދެގައުމުގެ ދެމެދުގައި ވިޔަފާރި އިތުރުކުރަން ކަމަށް ރައީސް ޔާމީންގެ އަރިހުގައި ޕާކިސްތާނަށް ވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މުންދު ވިދާޅުވީ ރާއްޖެެއާ ޕާކިސްތާނުގެ ވިޔަފާރީގެ ގުޅުން ދަށް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ފާހަގަކުރައްވާފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ ޕާކިސްތާނާ ރާއްޖެއަކީ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި އެ ގުޅުން އެގޮތުގައި ދެމި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަކި ދާއިރާތަކެއް ކަނޑައެޅުމަށްފަހު ދެގައުމުގެ ދެމެދުގައި ވިޔަފާރި އިތުރުކުރަން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު އެދިވަޑައިގެންފައިވާ ކަމަށެވެ.
"ހަގީގަތުގައި ރައީސް ޔާމީން ޕާކިސްތާނަށް ވަޑައިގަތީ ވެސް މި ތަސައްވަރާއި އެކު. އަޅުގަނޑުމެންގެ މި ޑެލިގޭޝަންގައި އައިޖީއެމްއެޗްގެ އިސްބޭފުޅަކާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި. ބައިވެރިވެވަޑައިގަތީ ސްޕެސިފިކަލީ ވަކި ބޭނުންތަކެއްގައި. އޭގެ އެއްކަމަކީ ފާމަސުއިޓިކަލްސާ މެޑިކަލް ޕްރޮޑަކްޓަކީ ޕާކިސްތާނުގައި ހަގީގަތުގައި ދުނިޔޭގައި ވެސް ވަރަށް ފާހަގަކޮށްލެވޭ އެއް ގައުމު،" މުންދު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ސަން ފޮޓޯ/ އަލީ ނަސީރު
ރައީސް ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައި އެވެ. އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމަކާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ހުސައިން ޝަރީފެވެ. އަދި، ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ވިދާޅުވީ ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާގައި މިހާރަށް ވުރެއް ބޮޑުތަން ކުރިއަރައިގެންދާނެ ފަދަ ގޮތަކަށް އެހީތެރިވުމަށް ޕާކިސްތާނު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ސިއްހީ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ދިނުމާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރު މުއްދަތެއްގައި ނަމަވެސް މަސައްކަތް ކުރުމަށް އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެއިތުރުން އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް ބޭނުންވާ ތަމްރީނުތައް ކުރިއަށް ވުރެއް ގިނައިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމާއި އަދި ތައުލީމީ ދާއިރާއިން ޓީޗަރުންނަށާއި ދެންވެސް އަޅުގަނޑުމެން މި ބޭނުންވާ ސައިންސް އެންޑު ޓެކުނޮލަޖީގެ ދާއިރާއިން އެހީތެރިވެދެއްވާނެ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ވިދާޅުވެފައި،" މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.