އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މުޅި ކައުންސިލްގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ މަޝްރޫއުތައް ތަންފީޒު ކުރުމަށް ކަމަށާއި މޭޔަރު ކަމުގެ މަގާމުގައި އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅުއްވާނެ ކަމަށް މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

ދަފުތަރާ އެކު ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ވެރިރަށް މާލޭގެ ތާރީހީ މޭޔަރު، ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި ވެރިރަށް "މާލެއަށް ގެންނަން ގަސްދުކުރާ ބަދަލުތަކަކާ މެދު އަދި ނުވިސްނާ" ކަމަށެވެ.

"ބަދަލު ތަކަކާ މެދު އަޅުގަނޑެއް ނުވިސްނަން. އަޅުގަނޑަކީ ކައުންސިލްގެ ކަންކަން ތަންފީޒު ކުރުމުގައި ހުންނަން ޖެހޭ މީހާ." އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާތަނަށް ހިނގައި ދިޔަ ކަމަކީ މޭޔަރަކާއި ޑިޕިއުޓީ މޭޔަރަކު އިންތިހާބުކޮށް އިދާރީ ކަންކަން ގެންދާނެ ގޮތްތަކެއް ނިންމުން ކަމަށާއި މާލެ ބައްޓަން ކުރާނެ ގޮތުގެ މަޝްވަރާއާ ހަމައަށް އަދި ނުދާ ކަމަށެވެ. ނަމަވެސް މޭޔަރު ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެންނެވި މަގާމުގައި އެއްވެސް އަމިއްލަ މަސްލަހަތެއް ނުގެންގުޅުއްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް އަދި އެއް ނޯންނާނެ ރާސްލާފައި ކަންތައްތަކެއް ކުރެވޭކަށް ކައުންސިލުގެ ވިސްނުމާ ނިންމުން ނުލައެއް. އަޅުގަނޑުގެ ޕާސަނަލް އެޖެންޑާއެއް މިކަމުގައި ނުބާއްވާނަން. މިކަމުގައި އޮންނާނީ ކައުންސިލްގެ ވިސްނުން ތަންފީޒު ކުރުން،" އޭނާ ވިދާޅުވި އެވެ.

މޭޔާ ވިދާޅުވީ މައިގަނޑު އަމާޒަކަށްވާނީ މިހާރުގެ ސަރުކާރުގެ ތަރައްގީ މަޝްރޫތައް ތަންފީޒު ކުރުމުގެ ވިސްނުން ކަމަށާއި އެކަންކަން ތަންފީޒުކުރާ ރައްޔިތުންގެ މީހަކަށް ވެގެން ހުންނަވާނެ ކަމަށެވެ.
"އެހެންނޫނީ ކައުންސިލްގެ ކަންކަން ހިނގަމުންދާނީ ވަރަށް އެހެން ކަހަލަ ގޮތަކަށް،" މޭޔާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކައުންސިލްގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުން އޭނާއަށް ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ބޮޑު އަޣުލަބިއޔަތަކުން އެ މަގާމަށް އިންތިހާބުވުމުން އުފާ ކުރައްވާ ކަމަށެވެ.