08 May 2015, 01:14
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮކްލަހޮމާއަށް ނަގޫރޯޅީގެ ބާރުގަދަ ތޫފާނަކާއެކު ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބުރާސްފަތި ދުވަހު އޮކްލަހޮމާއަށް އެރި ބާރުގަދަ ނަގޫރޯޅިތަކާއެކު، ބޯކޮށް ވާރޭވެހި އެ ސްޓޭޓްގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވާއިރު، އެ ސްޓޭޓްގެ ގަވަރުނަރު މެރީ ފެލިން ވަނީ، އެތަނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކޮށްފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 20 މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ލޮސްއެންޖަލްސް ޓައިމްގައި ވެއެވެ.

ތޫފާނުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައި، އޮކްލަހޮމާ، އެމެރިކާ، ނަގޫރޯޅި
ނަގޫރޯޅިތަކާއެކު އެ ސްޓޭޓްގެ ބައެއް އިމާރާތްތައް ވެއްޓި، 8000 އަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
ނޭޝަނަލް ވެދަ ސާވިސްއިން ހާމަކޮށްފައިވާ ގޮތުން މިތޫފާނުގައި އޮކްލަހޮމާއަށް ވަނީ، 7.1 އިންޗީގެ ރެކޯޑް މިންވަރަކަށް ވާރޭވެހިފައެވެ. މީގެ ކުރިން އެ ސިޓީއަށް އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ، 2.61 އިންޗީގެ ވާރޭއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވިލްރޮޖާސް ވޯލްޑް އެއާޕޯޓުގެ ޓާމިނަލަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާގެ އޮކްލަހޮމާ ސިޓީއަށް މިއަދު އައި ނަގޫރޯޅީގެ ތޫފާނުގެ ތެރެއިން -- ފޮޓޯ: ވެދަ.ކޮމް
އޮކްލަހޮމާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި އަދިވެސް މޫސުން އިތުރަށް ގޯސްވެދާނެއެވެ. އެގޮތުން އިތުރު ނަގޫރޯޅިތަކެއް އުފެދުމުގެ ބިރު އޮތްއިރު، ކޮޅިގަނޑުގައި ގަޑިއަކު 70 މޭލަށް ވައި ބާރުވާނޭ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.