ސިޔާސީ މަގުސަދެއް ހާސިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ވާހަކަ ނުދައްކަވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅުފަރާތްތަކުން އާޓިފިޝިއަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަހުލޫފް ވިދާޅުވީ އަފުރާޝީމު އަވަހާރަކޮށްލީ ރައީސް ޔާމީނު ކަަމަށް އެއްވެސް ފަހަރަކު ވިދާޅުނުވާ ކަަމަށެވެ.

"އެކަމަކު މިއަދު ކަންކަން ހިނގާފައިވާ ބައެއް ގޮތްގޮތަށް ބަލާއިރު. އަޅުގަނޑުމެންނަށް އަޑުއިވޭ ބައެއް ކަންކަމަށް ބަލާއިރު މި މައްސަލަ އަކީ ސީރިއަސް ކޮށް ބަލަންޖެހޭ މައްސަލައެއް،" މަހްލޫފް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މަހުލޫފް ވަނީ ޑރ. އަފުރާޝީމުގެ ވާހަކަ ދައްކަވަނީ އަފުރާޝީމުގެ އާއިލާއިން މައުލޫމާތު ފޯރުކޮށްދިނީމަ ކަމަށް ވިދާޅުވެ، މާތްﷲ ގަންދީ ހުވާކުރައްވާފައެވެ.

އަދި އޭނާ ދެެއްކެވި ވާހަކަތަަކަކީ އަބުރު ގެއްލޭ ކަހަަލަ ވާހަކަތަކެއް ނަމަ ކޯޓަށް ވަޑައިގަތުމަށް މަހުލޫފު ގޮވާލެއްވިއެވެ.

"އަޅުގަނޑު ދެއްކި ވާހަކަ އަކީ ސީދާ އަފުރާޝީމު މަރާލީ މީހަކީ ޔާމީނު ކަމަށް އެ މީހުންނަށް ގަބޫލުކުރެވޭ ކަމަށް ވަންޏާ އަވަހަށް ކޯޓަށް ވަޑައިގަންނަވާ. އަވަހަށް ވަޑައިގެން އަބުރުގެ ދައުވާ ކުރައްވާ،" މަހުލޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަތެއް ވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭ ގޮތުން އަބުރުގެ ދައުވާ ކުރަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

"އެވަރުގެ ވާހަކައެއް ދެކެވިގެން ނުވާނެ. އެއީ މީހެއްގެ އަބުރާ ގުޅޭ ގޮތުން ވަރަށް ހުތުރު ވާހަކައެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ވާހަކައެއް. ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.