ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިމާރާތް މަރާމާތުކުރުމަށް ދެމިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މަސީހު ވިދާޅުވީ ދެ މިލިއަން ޑޮލަކީ ދިވެހި ސަރުކާރުން ޕާކިސްތާނުގެ ސަރުކާރުގައި އެދުނު މިންވަރު ކަމަށެވެ. މަސީހު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވަނީ މަރާމާތު ކުރުމަށް "މަޖުބޫރު ވެފައި" ކަމަށެވެ. އެކަށް ޕާކިސްތާނުގެ ސަރުކާރަށް ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމަށް އެގައުމުގެ ސަރުކާރުން ވަރަށް ރަނގަޅު އިޖާބައެއް ދީފައިވާކަމަށް މަސީހު ވިދާޅުވި އެވެ.

ރައީސް ޔާމީނާއެކު ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މަޖިލީހުގެ ރައީސް މަސީހު ނޫސްވެރިންނާ ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"މި އިމާރާތުގެ މަރާމާތަށް އަޅުގަނޑުމެން އެދުނީ ދެ މިލިއަން ޑޮލަރު. އެއީ އަޅުގަނޑުމެން ކަމާ ބެހޭ ކޮންސަލްޓަންޓުންނާ މަސައްކަތްތައް ހަވާލުކޮށްގެން އެބޭފުޅުން ބައްލަވާ ރަނގަޅު ޑީޓެއިލްކޮށް އެކަންތައްތައް ބައްލަވާ ހައްދަވާފައި ދެންމެ މުންދު ވެސް ފާހަގަ ކުރެއްވި ފަދައިން އެއާ ގުޅޭ ޕްރޮޖެކްޓު ޕްރޮޕޯސަލްއެއް ތައްޔާރު ކުރައްވާ އޭގެ އަގުތަކާ އައިޓަމައިޒްކޮށް އޭގެ ޖުމުލަ އަގަކީ ދެ މިލިއަން ޑޮލަރު. އެހެންވީމަ ޕާކިސްތާނު ސަރުކާރުން އަޅުގަނޑުމެންނަށް އެހީ ދެއްވަން ނިންމާފައި އެވަނީ ހަމަ އަޅުގަނޑުމެން އެދުނު މިންވަރަށް،" މަސީހު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ އަރިހުގައި ޕާކިސްތާނަށް ވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ މަރާމާތުގެ ކަންކަން ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމާ އެކު ހިނގާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މަރާމާތުގެ މަސައްކަތް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފުގެ އަރިހުގައި ދެންނެވީ މިދިޔަ ސާކު ސަމިޓުގައި ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"ނަވާޒު ޝަރީފް ވިދާޅުވީ ތި މަސައްކަތް ކުރުމަށް އެއްގޮތަކަށް ވެސް އެހެން ބަޔަކު ހަރަދުކޮށްގެން ކަމަކު ނުދާނޭ. ތިޔަކީ އަބަދުވެސް ޕާކިސްތާނާއި ދިވެހިރާއްޖެއާ އޮންނަ ގުޅުން ރަމްޒުކޮށްދޭ ތަނަކަށްވާތީ ހަމަގައިމު ވެސް އެހެން ގައުމަކުން ތި ޚަރަދު ކުރާކަށް އެހެން ބަޔަކު ނޭދެމޭ. ޕާކިސްތާނުން އިރާދަކުރެއްވިއްޔާ ތިކަން ކޮށްދޭނަމޭ،" މުންދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް ކުރަމުންދާ އިމާރާތަކީ މީގެ 17 ވަރަކަށް އަހަރު ކުރިން ޕާކިސްތާނުން އަޅާފައިވާ އިމާރާތެކެވެ.