08 May 2015, 09:47
ރައޔްިތުންގެ މަޖލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށް 39 މެނބަރުން ހާޒިރުވެފައިވާ ކަމަށް މަޖިލީހުން އާންމު ކުރި ހާޒިރީން ދައްކައިފި އެވެ.
ވޭތުވެ ދިޔަ 2014 ވަނަ އަހަރުގެ ފަހުދައުރާއި އަޅާބަލާއިރު މިފަހަރު ހުރިހާ ޖަލްސާއަކަށް މެންބަރުން ހާޒިރުވި އަދަދު ވަނީ އިތުރުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 85 މެންބަރުންގެ ތެރެއިން ވޭތުވެދިޔަ އަހަރުގެ ފަހު ދައުރުގެ ހުރިހާ ޖަލްސާއަކަށް މަޖިލީހަށް ހާޒިރުވެފައި ވަނީ 27 މެންބަރުންނެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުމައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދާއި، މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުވެސް ހިމެނެ އެވެ.
ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތެރޭގައި މާފަންނަށް ނިސްބަތްވާ ހަތަރު މެންބަރުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، މާފަންނު ދެކުުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް
ނިމިގެން ދިޔަ ދައުރު ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެންބަރުގެ ތެރޭގައި ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލަތީފު މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި، ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރާއި، ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދާއި، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމާއި، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނާއި، އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލުއާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީވެސް ހިމެނެ އެވެ.
ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތެރޭގައި ގެމަންފުށި ދާއިރާގެ މެންބަރު ޖަމީލު އުސްމާނާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒުހާން ފަހުމީއާއި، ވިލިމގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސްހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު ފަރާތްތަކުން ތާޅަފިލި ހިފައިގެން ----- ފައިލް ފޮޓޯ
ނިމިގެން ދިޔަ މަޖިލީހުގެ ދައުރަކީ މަޖިލީހުގައި އިހުތިޖާޖު ކުރުން އިތުރުވެ މަޖިލީހުގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއްވެސް ގެންނަން ޖެހުނު ދައުރެެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ތާޅަފިލި އަދި ދުންމާރިއާ އެކު މަޖިލީހުގެ ނިމިދިޔަ ދައުރުގެ ގިނަ ޖަލްސާތަކުގައި ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމަށް ބައެއްތަކެއްތި ނުވެއްދޭގޮތަށް ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ވޭތުވެދިޔަ ދައުރުގައި މާބޮޑެތި ބަހުސްތަކަކާއި ނުލައި އަވަސް އަވަހަށް ގިނަ ގާނޫނުތަކެއްވެސް ވަނީ އިސްލާހުކޮށް މަޖިލީހުން ފާސްކޮށްފަ އެވެ.