08 May 2015, 09:57
އުމުރުން 12 އަހަރުގެ ކުއްޖަކު ރައްކާތެރި މާހައުލެއްގައި ބެހެއްޓުމަށާއި އެކުއްޖާއަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ޖުވެނައިލް ކޯޓުން ބުނީ އެކުއްޖާއަކީ މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެއް ކަމަށެވެ.
އެކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ހަވާލުކުރަން ބެލިއިރު، ކުއްޖާގެ މަންމަގެ ސިއްހީ ހާލަތުހުރިގޮތުން، މަންމައަށް ކުއްޖާ ބެލެހެއްޓެން ނެތް ކަމަށް އެކޯޓުން ބުންޏެވެ.
ކުއްޖާގެ ބައްޕަ އަކީ އުމުރުން ދުވަސްވެފައިވާ މީހެއްކަމުން، ކުއްޖާގެ މަންމައާއި ބައްޕަގެ ކިބައިގައި ކުއްޖާ ބެލެހެއްޓޭނޭފަދަ ހާލަތެއްނެތްއިރު، އެއާއިލާގައި ކުއްޖާއަށް ލޯތްބާއި ރައްކާތެރިކަން ދޭނޭފަރާތެއް ނެތްކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެ ކުއްޖާ ދިރިއުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއް ނޫންކަމަށާއި ކުއްޖާ ދިރިއުޅެމުންދާ ހިސާބުގަނޑުގައި އުޅޭ ގްރޫޕްތަކުގެ ނުފޫޒު ކުއްޖާއަށް ވަރަށްބޮޑަށް ކޮށްފައިވާކަމަށް، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.
"މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޒިންމާދާރު ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި، އަދި ކުއްޖާގެ މައިންބަފައިންގެ ހާލަތު ދެނެގަތުމަށްޓަކައި، ކުއްޖާގެ މަންމަ އާއި ބައްޕަގެ ބަޔާނެއް ނެގުމަށްފަހު، ކުއްޖާއާމެދު ވަކިގޮތެއް ނިންމުމަށް މަޝްވަރާކުރުމަށްފަހު،" ޖުވެނައިލް ކޯޓުން ބުންޏެވެ.