އަންނަ ޖޫން މަހު ގަތަރާއި ހޮންކޮންގާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓިމު ކުޅޭ، ވޯލްޑް ކަޕް 2018ގެ ކޮލިފިކޭޝަން މެޗުތަކަށް ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑް އެފްއޭއެމުން އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިރޭ އިއުލާނުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ހިމެނޭ 25 ކުޅުންތެރީންގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 10 ކުޅުންތެރީންނާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 9 ކުޅުންތެރީން ހިމެނެއެވެ.

ގައުމީ ޓީމުގައި ހިމެނޭ ނިއުގެ ކުޅުންތެރީން:

  • މުހައްމަދު ޝިފާން (ޑިފެންޑަރު)
  • ޝާފިއު އަހްމަދު (ޑިފެންޑަރު)
  • އަހްމަދު އަބްދުﷲ (ޑިފެންޑަރު)
  • ރިލްވާން ވަހީދު (ޑިފެންޑަރު)
  • މުހައްމަދު ރަޝީދު (ޑިފެންޑަރު)
  • އަލީ ފާސިރު (މިޑްފީލްޑަރު)
  • ހަމްޒާ މުޙައްމަދު (މިޑްފީލްޑަރު)
  • އަކްރަމް އަބްދުލް ޣަނީ (މިޑްފީލްޑަރު)
  • އަހްމަދު ނިޔާޒު (މިޑްފީލްޑަރު)
  • އަސްހަދު އަލީ (ފޯވާޑް)

މާޒިޔާގެ ކުޅުންތެރީން:

  • އިމްރާން މުހައްމަދު (ގޯލް ކީޕަރު)
  • ފަރުހާދު އިސްމާއީލް (ޑިފެންޑަރު)
  • އަމްދާން އަލީ (ޑިފެންޑަރު)
  • ސަމްދޫހު މުހައްމަދު (ޑިފެންޑަރު)
  • މުހައްމަދު އިރުފާން (މިޑްފީލްޑަރު)
  • މޫސާ ޔާމީން (މިޑްފީލްޑަރު)
  • އަސަދުﷲ އަބްދުﷲ (ފޯވާޑް)
  • އަހްމަދު ނާޝިދު (ފޯވާޑް)
  • މުހައްމަދު އުމައިރު (ފޯވާޑް)

މި 19 ކުޅުންތެރީންގެ އިތުރުން ދެން ލިސްޓުގައި ހިމެނެނީ، ކްލަބް އީގަލްސް ގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ)އާއި ހަމަ އެޓީމުގެ ފޯވާޑު އިސްމާއިލް އީސާ (މެސީ) އާއި ޓީސީ ސްޕޯޓްސްގެ ގޯލް ކީޕަރު މުހައްމަދު އިމްރާނާއި، ބީޖީ ސްޕޯޓްސްގެ ގޯލް ކީޕަރު އިބްރާހީމް އިފްރާހް އަރީފާއި މިޔަންމާގެ ކަންބޯޒާ އެފްސީއަށް ކުޅޭ ރާއްޖޭގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާގެ) އިތުރުން މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭއަށް ކުޅޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ގައުމީ ޓީމުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ، މި 25 ކުޅުންތެރީންނަކީ މިވަގުތަށް ހޮވާލެވޭން އޮތް އެންމެ ރަނގަޅު ސްކޮޑް ކަމަށާއި، ކޮލިފިކޭޝަންގެ ފުރަތަމަ ދެ މެޗުގައި 'އެކްސްޕެރިމެންޓް' ހަދަން ބޭނުން ނުވާ ކަމަށެވެ.

"މި ކުޅުންތެރީން ބޭނުން ކޮށްގެން ފުރަތަމަ ދެ މެޗުން ނަތީޖާ ނުނެރެވިއްޖެ ނަމަ، ދެން ގައުމީ ޓީމަށް ރެޖިސްޓްރީ ވެފައިވާ އިތުރު ކުޅުންތެރީން ނަގައިގެން ޓީމު ބައްޓަންކުރަން ވިސްނާނީ،" ކޯޗް ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ވިދާޅުވީ، ގައުމީ ޓީމުގައި މިވަގުތު 70 ކުޅުންތެރީންގެ ސްކޮޑެއް ރެޖިސްޓްރީ ވެފައިވާ ކަމަށާއި، މިވަގުތު ކޯޗު ބޭނުންވާ 25 ކުޅުންތެރީންގެ ސްކޮޑް ކުރިއަށް އޮތް ދެ މެޗަށް ނެގީ ކަމަށެވެ. އެހެން ނަމަވެސް މިއީ އަދި ސްކޮޑް ލިމިޓްވީ ނޫންކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި އިތުރު ކުޅުންތެރީންނަށް ވެސް ފުރުސަތު ދެވޭގޮތަށް ގަވާއިދު ހަމަޖެހިފައިވާ ކަމަށެވެ.

"މި 70 ކުޅުންތެރީންގެ އިތުރުން ވެސް އާ ރަނގަޅު ކުޅުންތެރިއެއް ފެނިއްޖިއްޔާ އަޅުގަނޑުމެން ރަޖިސްޓްރީ ކުރާނަން. އެފަދަ ކުޅުންތެރިއެއް އެންޓާކުރަން ބޭނުން ވެއްޖިއްޔާ ގަވާއިދުގައި އެބައޮތް އެންޓާކުރެވޭނޭ ގޮތްތަކެއް،" މޯހަން ވިދާޅުވިއެވެ. "ކުޅުންތެރީންގެ ޕާފޮމެންސަށް ބަލާފައި ކޯޗު ދާނީ ޓީމަށް ކުޅުންތެރީން ނަގަމުން. އެގޮތުން ބަލާނީ ހަމައެކަނި ގަލޮޅު ދަނޑުގައި ކުޅޭ މެޗުން އެކަންޏެއް ނޫން. ޕްރެކްޓިސް ތަކުގައި ވެސް ކުޅުންތެރީންގެ ޕާފޮމެންސަށާއި އެޓިޓިއުޑަށް އަދި ގަޑިއަށް ފަރުވާ ބަހައްޓާ މިންވަރާއި މިނޫންވެސް ޑިސިޕްލިންއަށް ބަލައިގެން މި ޓީމު މިނަގަނީ،" މޯހަން ވިދާޅުވި އެވެ.

މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސް ކޮސްފަރެންސެއްގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއަދުން ފެށިގެން ދިވެހި ޕްރިމިއަ ލީގު މެދު ކަނޑާލައި، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގައުމީ ޓީމަށް މިހާރު ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑާއެކު މިމަހުގެ 19 ވަނަ ދުވަހު 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ކޮރެއާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން 2018 އޭއެފްސީ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައި ވާއިރު، ޖޫން 11ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި، މާލޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭނީ ގަތަރާ ދެކޮޅަށެވެ. އަދި ޖޫން 16ގައި ރާއްޖެ ބައްދަލުކުރާނީ ހޮންކޮންގާއެވެ.