26 Feb 2011, 13:34
މާލޭ ސިޓީގެ މޭޔަރު ކަމަށް ހޮވުނު ސަރަނގު އާދަމް މަނިކަކީ ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ބޭފުޅެއް ކަމަށާއި މޭޔަރު ކަމުގައި ހުންނަވައިގެން އެކަން ތަކުރާރު ކުރާ ނަމަ، ސަރަނގު އާދަމް މަނިކާ ދެކޮޅަށް އިހްތިޖާޖަށް ނުކުންނާނެ ކަމުގެ އިންޒާރު ޑީއާރުޕީން ދީފި އެވެ.
ޑީއާރުޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ސަރަނގު އާދަމް މަނިކު ހޮވުނަސް ޑީއާރުޕީން އެކަމާ ކަން ބޮޑު ނުވާ ކަމަށާއި މޭޔަރު ކަމުގައި އާދަމް މަނިކު ހުންނަވައިގެން ކަންކަން ނިންމާއިރު މާލޭ ސިޓީ ކައުންސިލުގެ ޑީއާރުޕީ ދެ މެންބަރުން އެކަމަށް ފާރަވެރިވާނެ ކަމަށެވެ.
އާދަމް މަނިކަކީ ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ބޭފުޅެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ކުރިން ވެސް އާދަން މަނިކު ހިންގަވާފައި ހުރި ވަރަށް ބޮޑެތި ޖަރީމާތައް، އެކަންތައްތައް ތަކުރާރު ކުރުމުގެ މަގުން އާދަމް މަނިކު ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެން އިހްތިޖާޖު ކުރާނަން. އަދި އާދަމް މަނިކާ ދެކޮޅަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ނިންމުމުގައި ސަރުކާރަށް އަބަދު ވެސް ޑީއާރުޕީން އެއްބާރުލުން ދޭނެ ކަމަށެވެ.
އަތޮޅުތަކާއި ރަށު ކައުންސިލްތަކުގައި ރައީސާއި ނައިބު ރައީސް ހޮވުން ކުރިއަށްދާތީ އަލީ ވަހީދު ވިދާޅުވި ކައުންސިލްތަކުން ރައީސާއި ނައިބް ރައީސް ހޮއްވަވުމުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ރަށްތަކާއި އަތޮޅުތަކުގައި ކައުންސިލަރުންނާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ޑީއާރުޕީގެ ލީޑާޝިފުން ވަކިގޮތަކަށް ކަމެއް ކަނޑައެޅުމުގެ ބަދަލުގައި ޑީއާރުޕީން ނިންމާފައި ވާނީ ކައުންސިލަރުންގެ ހިޔާލާއި ފިކުރާއެއްގޮތަށް އެ ކަންކަން ނިންމުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.