07 May 2015, 21:37
ވޯލްޑް ކަޕް 2018ގެ ކޮލިފިކޭޝަންގެ އޭއެފްސީ ސަރަހައްދުގެ ދެވަނަ ބުރުގައި އަންނަ މަހު ގަތަރާއި ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ބޭއްވުމަށް ދެކުނު ކޮރެއާއަށް ދިއުމަށް ހަމަޖައްސައިފި އެވެ.
މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސް ކޮސްފަރެންސެއްގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއަދުން ފެށިގެން ދިވެހި ޕްރިމިއަ ލީގު މެދު ކަނޑާލައި، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގައުމީ ޓީމަށް މިހާރު ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑާއެކު މިމަހުގެ 19 ވަނަ ދުވަހު ކޮރެއާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
"ޓްރޭނިން ބޭއްވުމަށް ހުރިހާ ކަމެއް މިހާރު ހަމަޖެހިފައި މިވަނީ ކޮރެއާގައި. ކޮރެއާ ނެޝަނަލް ޓީމުގެ ފެސިލިޓީޒް ބޭނުންކޮށްގެން ޓްރޭނިންގ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައި މިވަނީ،" ބައްސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮރެއާގައި ފަރިތަކުރުންތައް ކުރިއަށް ގެންދާނީ 10 ދުވަހަށް ކަމަށާއި އޭގެ ފަހުން މިމަހުގެ 31 ވަނަ ދުވަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ކޮރެއާއިން އެނބުރި އައިސް މާލޭގައި އިތުރު ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށް ފަހު، ޖޫން 11 ގައި ގަތަރާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނީ،" އޭނާ ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ކޮލިފިކޭޝަންގެ ކުރިން އަފްޣާނިސްތާނާ ދެކޮޅަށް ފްރެންޑްލީ މެޗެއް ކުޅެން ރޭވި ކަމަށާއި އެހެން ނަމަވެސް ކޮރެއާ ކޭމްޕު ދިއުމާއި، އަދި 11 ވަނަ ދުވަހުގެ މެޗާ ދެމެދު ވަގުތު ނެތުމުގެ ސަބަބުން އަފްޣާން މެޗު ފަސްކޮށްލާފައިވާ ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން 2018 އޭއެފްސީ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައި ވާއިރު، ޖޫން 11ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި، މާލޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭނީ ގަތަރާ ދެކޮޅަށެވެ. އަދި ޖޫން 16ގައި ރާއްޖެ ބައްދަލުކުރާނީ ހޮންކޮންގާއެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ގަތަރާއި ހޮންކޮންގުގެ އިތުރުން ދެން ހިމެނެނީ ޗައިނާއާއި ބޫޓާނެވެ.
ޖޫން މެޗުތަކަށް ފަހު ދެން އެ މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާނީ މި އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު، އަދި ނޮވެމްބަރުގެ އިތުރުން، އަންނަ އަހަރުގެ މާޗް މަހު އެވެ.
މިރޭގެ އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނީ، ކޮރެއާ ތަމްރީން ދަތުރަކީ މިވަގުތަށް ގައުމީ ޓީމަށް ވަރަށް މުހިންމު ތަމްރީނުތަކެއް ކަމަށެވެ.
"އަހަރެން ވަރަށް އެފްއޭއެމަށް ޝުކުރު އަދާކުރަން ބޭނުން މިފަދަ ދަނޑިވަޅެއްގައި ގައުމީ ޓީމަށް މިކަހަލަ ފުރުސަތެއް ހޯދައި ދިނުމުން. ކޮރެއާގައި ވަރަށް ރަނގަޅު މާހައުލެއްގައި ވަރަށް ރަނގަޅު ވަސީލަތްތަކާއެކު ފަރިތަކުރުންތައް ކުރިއަށްދާނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ، މިވަގުތު ގައުމީ ޓީމުގެ ގިނަ ކުޅުންތެރީންގެ ފެންވަރާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި އެހެން ނަމަވެސް ކޮރެއާ ޓްރެއިނިންގް ކޭމްޕަށްފަހު ކުޅުންތެރީން ފޯމަކަށް އެޅުވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.