ޔޫމެޓް ކޮންސްޓްރަކްޝަން އޮފީހުގައި އަލިފާން ރޯކޮށްލި މީހާ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސ. ފޭދޫ ނަލަރީތިގޭ މުހައްމަދު އައިމަން 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޯގަސްޓު މަހުގެ މެންދުރުގެ ވަގުތެއްގައި ހ. ލަންޗުމީޑުގޭގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ޔޫމެޓް ކޮންސްޓްރަކްޝަން އޮފީހަށް ވަދެ އެތަނުން ވައްކަން ކުރުމަށްފަހު އެތަނުގައި އަލިފާން ރޯކޮށްލާފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އިތުރު މީހަކާ ބައިވެރިވެގެން އައިމަން އެތަނުން ވައްކަންކުރި މައްސަލަ ޝަރީއަތަށް ސާބިތުވެ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ހުކުމް އިއްވާފައެވެ. ވައްކަމުގެ މައްސަލާގައި އައިމަން 6 އަހަރާއި، 3 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އިރު އޭނާއާ އެކު ވައްކަންކުރި ސ. ހުޅުދޫ ރައިހާނުގޭ ސިމްތާން އަލީ 3 އަހަރާއި، 9 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމް އިއްވާފައެވެ.