07 May 2015, 19:47
ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް މުއްދަތު ޖެހި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.
އެ ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ.
އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ސަން އަށް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ލިޔުންތައް ކްރިމިނަލް ކޯޓުން އިއްޔެ ހައިކޯޓަށް ފޮނުވާފައިވާއިރު، އެ ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފައިވާކަން އަންގާފައިވާ ކަމަށެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައަކީ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އެ ދެ ބޭފުޅުން ވާހަކަފުޅުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.
ތަހުގީގުގައި ސުވާލުކުރުމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން، ތަހުގީގަށް ބަޔާނެއް ދެއްވިއިރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ހަނުހުންނަވައިފައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދެވެ.