ކުއްތާ ނުވަތަ ފާރަ ގެމަ ބޭނުންކޮށްގެން ކ. މާފުށީގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފުށި ޖަލުން މަސްތުވާތަކެތި ހޯދައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ 14 ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މީޑީއާއަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޖަލު ބަލައި ފާސްކުރި ކުރުމުގައި އަޅުގަނޑުމެންނަށް މަސްތުވާތަކެތީގެ ތަފާތު ބާވަތްތަކެއް ވަނީ ފެނިފައި. އެގޮތުން 25 ސެލޯފިން ކޮޅު އެއީ ރަބަރު ޕެކެޓު އެއީ ހަޝިޝް އޮއިލް. އަދި ހެރޮއިން ކަމަށް ޝައްކުކުރާ ފަސް ޕެކެޓު ވަނީ ފެނިފައި. އަދި ގިނަ އަދަދަކަށް ފޯނާއި ސިމް އަދި ފޯނު ޗާޖަރު ވަނީ ފެނިފައި. މި އޮޕަރޭޝަންތަކަކީ އަޅުގަނޑުމެން ރެންޑަމްކޮށް ހިންގާ އޮޕަރޭޝަންތަކެއް. ޖަލުތަކައި މީހުން ބަންދުކޮށްފައި ބަހައްޓާފައި ހުންނަތަންތަން އެއީ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް،" ޝިފާން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝިފާން ވަނީ ރާއްޖޭގައި ބަނގުރާ އާންމުވުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ނޫސްވެރިންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު މ. ރަންދޯދި ގެއިން 69 ބަނގުރާ ފުޅިއަކާ އެކު 5 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ "ކޭސް" އާ ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވީ، އޭގެ އެއްދުވަސް ފަހުން މާބުލް ހޮޓެލް ކައިރީ ހުރި ގުދަނަކުން ފެނުނު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާ މާބުލް ހޮޓަލާ ގުޅުން ހުރި ކަމަށެވެ. އަދި ވިދާޅުވީ އެ ހޮޓަލާ މެދު ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީ އަށާއި އަދި އިކޮނޮމިކް މިނިސްޓްރީއަށް ފުލުހުން އަންގާފައިވާނެ ކަމަށެވެ.

މާބްލް ގެސްޓްހައުސް ކައިރީ ހުރި ގުދަނަކުން ފެނުނު ރާފުޅިތައް -- ސަން ފައިލް ފޮޓޯ

ޝިފާން ވިދާޅުވީ، އެ ބަނގުރާ ފުޅިތައް ބަހައްޓާފައިވާ ގުދަނަކީ މާބުލް ގެސްޓު ހައުސްގެ ގުދަނެއް ކަމަށެވެ.

"މިކަމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ކޮމާޝަލް އެސްޓަބްލިޝްމަންޓު ތަކަކީ ޓޫރިޒަމްގެ ދާއިރާގައި ނުވަތަ ވިޔަފާރީގެ އެހެނިހެން ދާއިރާގައި ކުރަމުންދާ މަސައްކަތްތައް ކަމުގައިވިއަސް ތަފާތު ހުއްދަ ތަކެއް ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދެވޭނެ މިތަންތަނާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް އެ ވިޔަފާރިއެއް ކުރުމަށް. ބަނގުރަލުގެ ވިޔަފާރި އެފަރާތްތަކަށް ދެވޭނީ ވަކި ހުއްދަތަކެއް ލިބިގެން. މިފަދައިން ހުއްދަ ނެތް ތަންތަނާއި މެދު އަޅުގަނޑުމެން މިދަނީ ފިޔަވަޅު އަޅަމުން،" ޝިފާން ވިދާޅުވި އެވެ.