07 May 2015, 16:18
ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށް ކަމަށް ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ، ހުޅުލެއާއި މާލެއާ ދޭތެރޭ އަޅާ ބްރިޖު މާލެއިން ގުޅުވައިދޭނެ ސަރަހައްދަކީ ސުނާމީ ބިނާގެ ސަރަހައްދަށް ވާތީ "ސުނާމީ ބިނާ" އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސުނާމީ ބިނާ މާލޭގެ އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައި ވަނީ އެ ބިނާ މިހާރު ހުރި ސަރަހައްދަކީ ބްރިޖުގެ ލޭންޑިން ސަރަހައްދު ކަމަށް ވުމުން ކަމަށެވެ.
"ސުނާމީ ބިނާ ރީ ލޮކޭޓް ކުރެވޭނެ މާލޭގެ އެހެން ދިމާލަކަށް، ދެން ދިމާ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
"ބްރިޖު އަންނާތީ ބްރިޖުގެ ލޭންޑިން އެ ދިމާލުން އަންނާތީ ސުނާމީ ބިނާ ބަހައްޓައިގެން ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ޗައިނާގެ ޓީމުން ފާހަގަކޮށްފައިވަނީ."
ބްރިޖު އަޅަން ނިންމާފައިވަނީ ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ގޮސް ހުޅުލޭ ދެނުކު ކޮޅާ ހަމައަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބްރިޖު އެޅުމުގެ އެންމެ ފަހުގެ ސާވޭތައް ކޮށް ޑިޒައިންގެ މަސައްކަތް މިހާރު ކުރަމުންދާއިރު މާލެ އާއި ހުޅުމާލެ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.