ރިޔާޒް (މޭ 7) : އެމެރިކާގެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް އަށް ވަޑައިގެންފިއެވެ.

ކެރީ ދަތުރުކުރެއްވި މަތިންދާބޯޓު ތިރިކުރީ ރިޔާޒްގެ އަސްކަރީ ބޭހަކަށެވެ. އެތަނުގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ އޭނާ ސައޫދީ އިސް މަސްއޫލުވެރިންނާއެކު ކުރައްވާ މަޝްވަރާތަކުގައި އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ ވައިގެ ޙަމަލާތައް ހުއްޓާލުމަށް އެބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމުގައެވެ. ކެރީ ސައޫދީ އަރަބިޔާއަށް މިވަޑައިގެންނެވީ އެގައުމުގެ އަވަށްޓެރި ޖިބޫތީ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުގައެވެ.

ޖިބޫތީން ފުރާވަޑައިގަތުމުގެ ކުރިން ކެރީ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޔަމަންގެ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ފުރާނަ ވަނީ ނުރައްކަލުގެ ތެރޭގައި ކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް ޙަމަލާތައް ހުއްޓާލުމަށްފަހު ހާލުގައިޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރްސަތު ދީ އެކަމަށް އެހީތެރިވާންޖެހޭނެ ކަމުގައެވެ.

އީރާނުގެ ތާއީދު ޔަމަންގެ ހޫޘީންނަށް ލިބޭއިރު ޙޫޘީންގެ ފަރާތުންވެސް ޙަމަލާތައް ހުއްޓާލުމަށް އީރާނުން ބާރުއަޅަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ އެކަމާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ކެރީ ވިދާޅުވިއެވެ.

އަނެއްކޮޅުން އަދ. ންވަނީ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާކަން މީގެ ދެދުވަސްކުރިން ހާމަކޮށްފައެވެ. މި އޮޕަރޭޝަން ފެށުމަށްޓަކައި ޔަމަންގެ އެއާޕޯޓްތަކަށާއި ކަނޑުގެ ބަނދަރުތަކަށް ޙަމަލާތައް ދިނުން ހުއްޓާލުމަށް އދ. ންވަނީ ސައޫދީ އަރަބިޔާއަށާއި އެ ގައުމު އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަލާތައް ހުއްޓާލުމަށް އދ. ންވަނީ ހޫޘީންނަށްވެސް ގޮވާލާފައެވެ.

މިއިލްތިމާސްތަކާއެކުވެސް އެއްވެސް ފަރާތަކުން ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް ހޫޘީން މަސައްކަތްކުރާއިރު ސައޫދީ އަރަބިޔާ މަސައްކަތްކުރަނީ އެގައުމުގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ އެއްފަރާތް ކުރެވިފައިވާ ވެރިކަން އަލުން އަނބުރައި ހޯދައިދިނުމަށެވެ.

ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަން ފެށުމަށްޓަކައި ފުރަތަމަ މަރާމާތުކުރަންޖެހޭނީ ސަންއާ އެއަރޕޯޓްގެ ރަންވޭ ކަމަށާ އެކަންވެސް ކުރެވޭނީ ޙަމަލާތައް ހުއްޓާލައިގެންކަމަށް އދ. ން ވަނީ ބުނެފައެވެ. މިއޮޕަރޭޝަންގައި ޔަމަންގެ އެހެން އެއަރޕޯޓްތަކާ އަދި ކަނޑުގެ ބަނދަރުތައް ވެސް ބޭނުން ކުރުމަށްވަނީ ހަމަޖެހިފައެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކުން ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމުގެ ސަބަބުން ޔަމަންގެ ދާޚިލީ ހަނގުރާމަ އިތުރަށް ވަރުގަދަވެ އެގައުމުގެ އެތަށް މިލިޔަން ބަޔަކު ޙާލުގައިޖެހި އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއްވަނީ ހަލާކުވެފައެވެ.

އދ. ބުނާގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވެފައިވާ 12 މިލިޔަން މީހުން ޔަމަންގައި އެބަތިއްބެވެ. މީގެތެރެއިން ދެ މިލިޔަނެއްހާ މީހުން ތިބީ ހައިހޫނު ކަމާއި ބަލިމަޑުކަމުގެ ޙާލަތުގައި ކަމަށާ އެހެން ކަމުން އިންސާނި އެހީގެ އޮޕަރޭޝަން ލަސްކުރެވެން ނެތްކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)