ޗެލްސީ އިން އެޓީމްގެ މިހާރުގެ ކޯޗް ޕޯޗްގަލްގެ ހޯސޭ މޮރީނިއޯއަށް އާ އެއްބަސްވުމެއް ހުށަހަޅާއިރު އެ އެއްބަސްވުމުގައި މޮރީނިއޯ ސޮއިކުރާނެކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

އެހެންވެއްޖެނަމަ ޗެލްސީން އަލަށް ހުށަހަޅާ އެއްބަސްވުމުގެ ދަށުން 2019 ވަނަ އަހަރާއި ހަމައަށް މޮރީނިއޯ ޗެލްސީގައި ދެމިހުންނާނެއެވެ.

ނަމަވެސް ދެން އޮތީ އެހެން ސުވަލެކެވެ. ގިނަ އަހަރުތަކެއް ވަންދެން އޭނާއަށް ކާމިޔާބު ދެމެހެއްޓިދާނެ ހެއްޔެވެ؟ މިސާލަކަށް 27 އަހަރު ވަންދެން ޔުނައިޓެޑްގެ ކޯޗުކަން ކުރި އެލެކްސް ފާގަސަން ފަދަ ކޯޗަކަށް މޮރީނިއޯއަށް ވެވިދާނެހެއްޔެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް ޓީމެއްގައި މޮރީނިއޯއަށް ކާމިޔާބު ދެމެހެއްޓިދާނެ ހެއްޔެވެ؟

އޭނާގެ 15 އަހަރުވީ ކޯޗިން ކެރިއާގައި މޮރީނިއޯގެ ފަރާތުން އެއްޓިމެއްގައި ގިނަ ދުވަހު ދެމިހުރި ތަނެއް ނުފެނެއެވެ. އަމިއްލަ ޤައުމުގެ ކުލަބް ބެންފީކާއިން ހެޑް ކޯޗެއްގެ ޒިންމާ ފެށިފަހުން އެންމެ ގިނަ ދުވަސްވަންދެން ވެސް އެއް ޓީމެއްގައި މޮރީނިއޯ ހޭދަކޮށްފައިވަނީ އެންމެ ތިން އަހަރެވެ. އެއްޓީމެއްގައި ގިނަ ދުވަސްތަކެއް ވަންދެން މޮރީނިއޯއަށް ކާމިޔާބު ދެމެހެއްޓިދާނެތޯ މިއީ މިހާތަނަށް އޭނާގެ ކޯޗިން ކެރިއާގައި ޖަވާބު ލިބިފައިވާ ސުވާލެއް ނޫނެވެ.

އާ އެއް ބަސްވުމުގައި ސޮއި ކުރިނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން މޮރީނިއޯ ދެމި ހުރެދާނެތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. އެއީ މީގެކުރިން ރެއާލް މެޑްރިޑްގެ ކޯޗްކަމުގައި ހުރިއިރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ އަމިއްލައަށް އެދިގެން ވަނީ އެއްބަސްވުން އުވާލައި ދެވަނަ ފަހަރަށް ޗެލްސީއާ ހަވާލުވެފައެވެ.

މިފަހަރު ޗެލްސީއިން ހުށަހަޅާ އާ އެއްބަސްވުމުގެ މުއްދަތު ނިމެންދެން ދެމިހުރެދާނެކަމުގެ ޔަޤީންކަމެއް ނެތެވެ.

ދެ ފަހަރެއްގެ މަތިން މޮރީނިއޯ ޗެލްސީގެ ކޯޗްކަމާއި ހަވާލުވިރު އިނގިރޭސި ވިލާތުގައި އަށް މުބާރާތް އޭނާ ކާމިޔާބުކޮށްދީފައިވެ އެވެ. ނަމަވެސް އެނާއަށް ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީއަށް ކާމިޔާބު ހޯދައި ދެވިފައެއް ނުވެއެވެ. މިހާތަނަށް މޮރީނިއޯ ކޯޗްކަމުގެ ދަށުން ޔޫއެފާ ޗެމްޕިއަންސްލީގުގައި ޗެލްސީއަށް އެންމެ ދުރަށް ދެވިފައިވަނީ ސެމީފައިނަލާ ހަމަޔަށެވެ.

މޮރީނިއޯ ޗެލްސީގެ ކޯޗްކަމުގެ މުއްދަތު އިތުރުކުރުމަށް އެޓީމުން ހުށަހަޅާފައިވާއިރު ކުރިން ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އޭނާއަށް ދެމެހެއްޓެނިވި ގޮތުގައި މިކަން ކުރެވިދާނެތޯ އިނގިރޭސީ ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްކުން ވަނީ ސުވާލު އުފައްދާފައެވެ. އޭނާއަށް އޮތީ އާ އެއްބަސްވުމާއެކު އެކަން ސާބިތުކޮށްދިނުމެވެ.