07 May 2015, 15:07
"ސާފު ރާއްޖެ" އަކަށް ގައުމު ހެދޭނީ އެ މީހެއްގެ ފަރުދީ ޒިންމާ އަމިއްލައަށް ނަގައިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ސާފު ދިވެހިރާއްޖެ" އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހޮޓެލް ޖެންގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ "ސާފު ރާއްޖެ" މަޝްރޫއުގެ މަސައްކަތުގައި ހުރިހާ ދިވެހިން ބައިވެރިވެ އެކަމުގައި އެ މަސައްކަތުގައި އެ މީހެއްގެ ޒިންމާ ވެސް އޮތްކަން އެނގިގެން މަސައްކަތް ކުރާނަމަ "އިސާހިތަކު ބޭނުންވާ މަންޒިލަށް ވާސިލުވެވޭނެ" ކަމަށެވެ. މާލޭގެ އުފެދޭ ކުނި ގިނަކަން ފާހަގަކުރައްވާ މިނިސްޓަރު މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް ވަނީ އަމިއްލަ ފަރުދުން އެ ފަރާތްތަކުގެ އެ ޒިންމާއާ މެދު އިހުމާލުވަމުންދާތީ ކަމަށެވެ.
"މަގުތަކާ އެކި އެކި ތަންތަން ސާފުތާހިރު ކަންމަތީ ބެހެއްޓުމަށް އަމިއްލަ ފަރުދުން ފަރުވާ ކުޑަކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނޭ. އެހެން އެކަން ދިމާވުމުގެ ސަބަބުން ކަންތައް ދިމާވާ ގޮތަކީ ކިތަންމެ ވަރަކަށް އަޅުގަނޑުމެން [ހައުސިން މިނިސްޓްރީ] ތަންތަން ސާފު ކުރި ނަމަވެސް ޖެހިގެން އަންނަ ދުވަހު ވެސް ހަމަ އެތަންތަން މި ފެންނަނީ ކުނިބުނި އަޅާފައި އޮންނަ ތަން. ގާނޫނުތަކާ ގަވާއިދުތައް ވެސް ހެދައިފައިި ހުރޭ އެހެން ނަމަވެސް ފަރުދީ ޒިންމާ އަދާ ނުކުރެވޭތީ ކަންތައްތައް ބޮށްސުންލައިގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ އެންމެ ގާތް އެއްޗަކަށް ވާންވާނީ ތިމާ ދިރިއުޅޭ ވެށި ކަމަށާއި އެ ވެށި ހިމާޔަތް ކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ތަނެއް ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ "ސާފު ރާއްޖެ" އަށް ރާއްޖެ ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ނުބެލެހެއްޓޭ ނަމަ ދިވެހިންގެ އިގްތިސާދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން އެ ރެސްޕޮންސިބިލިޓީ ނަގައިގެން ނޫނިއްޔާ އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތެއް ނުކުރެވޭނެ. އަޅުގަނޑުމެން ވަށައިގެން 99 ޕަސެންޓު މޫދު އެއް ޕަސެންޓު ގޮނޑުދޮށް. އެހެންވީމަ އެ ވަނީ 100 ޕަސެންޓު ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި އުޅެނީ ބިދޭސީ މަސައްކަތްތެރިން ކަމުގައި ވިއަސް އަދި ދިވެހިންގެ އާބާދީ ކަމުގައި ވިއަސް އަދި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންކަމުގައި ވިއަސް ރާއްޖެ ދެކެ ލޯބިވެ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަންޖެހޭ،" ސައީދު ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
އެންވަޔަރަމަންޓު މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ތިމާވެށި ހިމާޔަތް ކޮށް އުފެދޭ ކުނި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު އަތޮޅެއް ކަމަށްވާ ރ، ބ، ޅ އަދޮ ނ އަތޮޅުގެ 46 ރަށެއްގައި ވޭސްޓު މެނޭޖުމަންޓު ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ވޭސްޓު މެނޭޖުމަންޓު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ސާމާނު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މިއަދުގެ ހަފްލާގައި މިނިސްޓަރު ތާރިގު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"ސަރުކާރުން މި މަސައްކަތްތައް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ވަށައިގެން މިވާ އަޅުގަނޑުމެންގެ ވެށި ރައްކާތެރިކޮށް ސާފުތާހިރުކަމާއި އެކު ބޭއްވުމުގެ މަގްސަދުގައި. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރަން. ފަރުދީ ޒިންމާ އަދާ ކުރަން ދަސްކުރަން އެބަޖެހޭ،"