ހިލޭ ތެލެސީމިއާ ޓެސްޓް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ޝޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)އިން ނިންމައިފި އެވެ.

ޝީ އިން ބުނީ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އެ ޕްރޮގްރާމް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30 އަށް އެ ސެންޓަރުގައި ކަމަށެވެ.

ހިލޭ ތެލެސީމިއާ ޓެސްޓް ކުރުމުގެ އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އަލަށް ތެލެސީމިއާ ޓެސްޓް ކުރާއުމުރުން 12 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތްތަކަށް އެކަންޏެވެ.

ޝީ އިން ބުނީ މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ ޓެސްޓްތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 18.1 އިންސައްތަ އަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ. އަދި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެނި ކުރެވެނީ ދެކެރިއަރުންގެ ދެމެދުގަ އެވެ. އަދި އުފަންވާ ކޮންމެ 120 ކުދިންގެ ތެރެއިން އެއްކުއްޖަކީ ލޭ އަޅާބަލީގެ (ތެލަސީމިއާ މޭޖަރު) ކުއްޖެކެވެ.

ރާއްޖޭގައި ތެލެސީމިއާ ހާލާތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ޝީ އިން ގެންދަނީ މިފަދަ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި ތެލަސީމިއާގެ ހާލާތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެ ސެންޓަރުގައި 2005 ވަނަ އަހަރ ވަނީ ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ފަށައިފަ އެވެ.