ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެދި ޑިމާންޑުތަކާއެކު ޕެޓިޝަނެއް ސަރުކާރަށް ހުށަހެޅުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.

ޓީމް އިން ސަރުކާރަށް ހުށަހަޅާ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި ސަފާރީތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ކުޑަވެގެން 600 އެމެރިކާ ޑޮލަރަށް (9252 ރުފިޔާ) އަށް ހެދުމަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް ހަދައި އެކަން ތަންފީޒު ކުރުމުގެ އިތުރުން މުވައްޒަފުންގެ ހައްގުގައި ގާނޫނުތައް ފާސްކުރުމަށެވެ. ހަމައެއާއެކު ޓޫރިޒަމް ދާއިރާއިން ނަގާ ސާވިސް ޗާޖު ގާނޫނުގައި ބުނެފައިވާ ގޮތަށް 99 ޕަސެންޓް ހަމަހަމައަށް ބެހޭނެ ނިޒާމެއް ހަމަޖެއްސުމާއި ސާވިސް ޗާޖު ނަގާ މިންވަރު 12 ޕަސެންޓަށް ހަމައަށް ހަމަޖެއްސުމަށް ޑިމާންޑު ކުރެ އެވެ. ހަމައެއާއެކު ސަރުކާރުގެ ވައުދެއް ކަމަށްވާ ރިސޯޓު ހިއްސާ ރިސޯޓް މުވައްޒަފުންނަށް ދިނުމަށް އެދޭ ކަމަށެވެ.

ޓީމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު މިއަދު ވިދާޅުވީ އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން 5300 ސޮއި ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އިންޓަނޭޝަނަލް ޖަމިއްޔާތަކާއެކު މި މަހު 30 ގައި މާލޭގައި ރެލީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެއަށްފަހު އެ ޑިމާންޑުތައް ސަރުކާރަށް ހުށަހަޅާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ޑިމާންތައް އުފުލާފައި ވަނީ މިހާރުގެ އިގުތިސާދީ ހާލަތާއި ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވެސް ބަލައިގެން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"މުޅި އިންޑަސްޓުރީގައި އެބަ އުޅޭ 14000 ބިދޭސީ މަސައްކަތްތެރީން. އެއީ ޑައިރެކްޓްކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރާ. ގާތްގަނޑަކަށް 12000 ދިވެހިން މި އުޅެނީ މި އިންޑަސްޓުރީގައި އެއީ އަޅުގަނޑުމެން ބަލާބެލުމުގައި 55 ޕަސެންޓް ނުވަތަ 60 ޕަސެންޓަށް ގާތްކުރާ ބިދޭސީން މިއަދު މި އުޅެނީ، އަޅުގަނޑުމެންގެ ހިސާބްތަކުން ދައްކަނީ 350 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ހަމައެކަނި މުސާރާގެ ގޮތުގައި ރާއްޖެއިން ބޭރަށް އެބަގެންދޭ ބިދޭސީ މަސައްކަތްތެރިން،" މައުރޫފް ވިދާޅުވި އެވެ.

ސަރުކާރަށް ހުށަހަޅާ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމަށް ގަބޫލް ކުރާ ކަމަށާއި ސަރުކާރުން ބުނާ ފަރާތްތަކަކާއި މަޝްވަރާ ކުރުމަށް ވެސް ތައްޔާރަށް އޮތް ކަމަށް މައުރޫފް ވިދާޅުވި އެވެ. ސަރުކާރުން ޑިމާންޑްތަކަށް އިޖާބަ ނުދޭނަމަ މަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރާނެ ކަމުގެ އިންޒާރު މައުރޫފް ވިދާޅުވި އެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް އިޖާބަ ދޭ ގޮތަކަށް ބަލާފައި އަޅުގަނޑުމެންނަށް މަޖުބޫރު ވާނެ އިތުރު ކަންތައްތަކެއް ކުރަން، ގާނޫނު އަސާސީން ލިބިދީފައިވާ އެހެން ހައްގުތަކުގެ ބޭނުން ހިފާނަން، މިސާލަކަށް ގާނޫނު އަސާސީއިން މަސައްކަތް ހުއްޓާލުމުގެ ހައްގަކީ ވަރަށް ސާފުކޮށް ހައްދެއް ސުމާރެއް ނެތް މިންވަރަށް ލިބިދީފައިވާ ހައްގެއް، އެހެން ކަމުން އެހައްގުގެ ބޭނުންވެސް ކުރަންޖެހިއްޖެއްޔާ ކުރާނަން،" މައުރޫފު ވިދާޅުވިއެވެ.