ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ކައުންސިލަރަކު ބައިވެރިވެވަޑައި ނުގަންނަވާތީ އެކަމަށް ގާނޫނީ ލަފައެއް ލިބެންދެން ގދ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ހޮވުން ފަސްކޮށްފި އެވެ.

ގދ. އަތޮޅު ކައުންސިލްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާ ދެ މެންބަރުންނަކީ ފަރެސް މާތޮޑާ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި، ޑީއާރުޕީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ވަހީދާއި މުހައްމަދު މުހުތާރެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގދ. އަތޮޅު ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައްފަހު، ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބޭއްވި ބައްދަލު ވުމުގައި މެންބަރުން ހިޔާލު ތަފާތުވުމުގެ ސަބަބުން ރައީސާއި ނާއިބު ރައީސް ހޮވުން ފަސްކޮށް ގާނޫނީލަފައެއް ހޯދަން މެންބަރުން ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ވަގުތީ ރައީސަކު ހޮވުމަށް މަޝްވަރާކުރެވުނު ނަމަވެސް އެކަމަށް ވެސް މެންބަރުންނަށް ވަނީ އެއްބަސް ނުވެވިފަ އެވެ.

ޖުމްލަ އަށް ކައުންސެލަރުން ހިމެނިވަޑައިގަންނަވާ ގދ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންފައި ވަނީ، ޑީއާރުޕީގެ ހަ މެންބަރުންނާއި، އެމްޑީޕީގެ ދެ މެންބަރުންނެވެ.