07 May 2015, 13:36
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަށް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފައި ވަނީ ގައުމީ ސަލާމަތް ރައްކާތެރި ކުރުމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައި ވާތީ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑް، ޑިފެންސް މިނިސްޓަރުގެ ނައިބު ތޯރުގު އަލީ ލުތުފީ ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކޯސްޓުގާޑު ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ތޯރިގު ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ މެދު އިތުބާރު އޮތުމަކީ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކުން ދައުލަތަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ދައުލަތުން ސޮއިކުރެވިފަ ހުރި މުއާހަދާތަކުން ދައުލަތަށް ލާޒިމްކުރޭ މަސައްކަތްތަކުގައި މަސައްކަތްކުރާ އެންމެންނާ މެދު ދައުލަތަށް އިތުބާރު އޮތުން،" ތާރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭވިއޭޝަން ކޮމާންޑުގެ ވަރަށް ގާބިލް ސީނިއާ އޮފިސަރުންތަކެއް ކަމަށާއި ތަމްރީނުގެ މައްޗަށް ބިނާވެފައިވާ މުއައްސަސާތަކުގައި ތިބޭ މުވައްޒަފުން "ދޫކޮށްލަން ޖެހުމަކީ" ވަރަށް ހިމާތަކުރަންޖެހޭ ކަމެއް ކަމަށެވެ.
"އިއްޔެ އަޅުގަނޑުމެންގެ ވަރަށް ސީނިއާ ވަރަށް ގާބިލް ބޭފުޅުންކޮޅެއް ވަކިވެވަޑައިގަންނަވަންޖެހުނު. ދެން މި ވާހަކަތައް ދައްކާއިރު މިއީކީ އަޅުގަނޑުމެން އުފަލުން ދައްކާ ވާހަކައެއް ނޫން. ޚާއްސަކޮށް ތަމްރީނުގެ މައްޗަށް ބިނާވެފައިވާ މުއައްސަސާތަކުގައި ތިބޭ މުވައްޒަފުން ދޫކޮށްލަން ޖެހުމަކީ ވަރަށް ހިމާތަކުރަންޖެހޭ ކަމެއް،" ތާރިގު ވިދާޅުވި އެވެ.
އެއާޕޯޓުތައް ނުވަތަ އެއާޕޯޓުތަކާ ގުޅިފައި ހުންނަ ސަރަހައްދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ފާސްދޫކޮށްފައި ވަނީ އެ މީހަކު އެ ސަރަހައްދުގައި އުޅުމުން އެ ސިނާއަތަށް އިތުރު ނުރައްކަލެއް ކުރިމަތިނުވާނެ ކަން ޔަގީން ކުރުމަށްފަހު ކަމަށް ތާރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރަނީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން އެކަންތައް ލާޒިމްކުރާތީ ކަމަށާއި އޭވިއޭޝަން ފަދަ ދާއިރާތަކުގެ ސެކިއުރިޓީ ކްލިއަރެންސް އެ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ޔަގީންކޮށްދިނުމަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވި ޗިޓުގައި ވަނީ އެ މީހުން ވަޒީފާއިން ވަކިކުރުމުގައި ޑިފެންސް މިނިސްޓީއަށް ލިބިފައިވާ ސިއްރު އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.