ނިއުރޭޑިއަންޓްގެ ޑިފެންސްގައި މުހިންމު ދައުރެއް 2013 ވަނަ އަހަރު އަދާކުރި ނައިޖީރީއާގެ ޑިފެންޑާ ކިންގްސީލީ އަލުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނިއުރޭޑިއަންޓްގެ ވަގުތީ ކޯޗް ސޮބާޙް މުޙައްމަދު (ޞޮބާ) ބުނެފިއެވެ.

ސަން އަށް މަޢުލޫމާތު ދެމުން ސޮބާ ބުނީ ކިންގްސްލީ މިމަހު މާލެ އައިސް ޓީމާ ގުޅޭނެ ކަމަށެވެ.

ސޮބާ ބުނީ މި ސީޒަންގައި ނިއުއިން ދެ ވަނަ އަށް ގެނައި ފޯވަޑް ޑޭވިޑް މޯރީގެ ކޮންޓްރެކްޓްވެސް ބާތިލުކޮށްފައިވާ ކަމަށާއި އޭނާގެ ބަދަލުގައި ރަނގަޅު ފޯވަޑެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

އޭއެފްސީ ކަޕްގައި ނިއު އެންމެ ފަހުން ކުޅުނު ދެ މެޗްގައި ގިނަ ޙަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ނިންމާ ނުލެވުމުގެ މައްސަލަ ކުރިމަތިވެފަ އެވެ.

އެ ޓީމުން ވަނީ މިހާތަނަށް ދެ ސްޓައިކަރުން ގެނެސް އެދެ ސްޓައިކަރުންގެ ކޮންޓްރެކްޓް ބާޠިލުކޮށްފަ އެވެ. އެއީ މިހާރު ޓީސީއަށް ކުޅެމުންގެންދާ ރަފިއާނާ އާއި މިފަހުން ކޮންޓްރެކްޓް ބާޠިލުކުރި ޑޭވިޑް މޮރީއެވެ.

ރަފިއާނާގެ ކޮންޓްރެކްޓް ނިއުއިން ބާޠިލުކުރީ ޕީޕަލްސްކަޕަށް ފަހު އޭނާގެ ފެންވަރު ނެތް ކަމަށް ބުނެއެވެ.

ނިއުގެ ޓީމާ މިމަހު ގުޅެ ކިންގުސްލީއަކީ 2013 ވަނަ އަހަރު ނިއުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ.

ނަމަވެސް 2014 ވަނަ އަހަރު ނިއުގެ ޓީމަށް އޭނާއެއް ނުގެނެއެވެ. ސަބަބެއްކަމަށް ނިއުއިން ބުނެފައިވަނި ނިއުއަށް ކުޅޭ ދިވެހި ޑިފެންޑަރުންނަށް ފުރުސަތު ދިނުމަށްކަމަށެވެ.