07 May 2015, 13:07
މިނިވަން 50 އާއި ކަސްޓަމްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުުރުމުގެ ގޮތުން މި މަހުން ފެށިގެން މިއަހަރު ނިމެންދެން ކޮންމެ މަހަކު ވެސް ތަފާތު ހަރަކާތްތައް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
މިއަދު ހެނދުނު ކަސްޓަމްސްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޑެޕިއުޓީ ޗީފް ސްޕްރިންޑެންޓް އަބުދުﷲ އަލީ ވިދާޅުވީ މުޅި އަހަރަށް ދެމިގެންދާ ގޮތަށް ބާއްވާ ހަރަކާތްތަކުގައި ކަސްޓަމްސްގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ބައިވެރިވެވޭނެ ކަމަށެެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން މާދަމާ 'ފަން ރަން' ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
"މި ފަން ރަން އަކީ އަޅުގަނޑުމެނެގެ މުވައްޒަފުން ބައިވެރިވާ ގޮތަށް ރާވާލާފައި އޮތް ފަން ރަން އެއް،" އަބުދުﷲ ވިދާޅުވި އެވެ. މާދަމާ ހެނދުނު ކަސްޓަމްސް ކައިރިން ފަށާ އެ ދުވުން ނިންމާނީ ހެންވޭރު ދަނޑާއި ހިސާބުން ކަަމަށް އަބްދުﷲ ވިދާޅުވި އެވެ. މީގެ އިތުރުން މިމަހު އާއިލާ ހަވީރެއް ބާއްވަން ނިންމާފައިވާ ކަަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ.
ޖޫން އަދި ޖުލައިގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި އީދު ހަދިޔާ ދިނުމުގެ ޕިކަޕް ބުރެއް ހިމެނެއެވެ. ކަސްޓަމްސްގެ އަހަރީ ދުވަހަކީ ޖުލައި 18 އެވެ.
"އީދު ހަދިޔާ ދިނުން އޮންނާނީ ޕިކަޕް ބުރެއް ގޮތަށް. އީދު ދުވަހު ހަވީރު މަގުމަތީގަ އާއި ޕާކުތައް ކައިރީގައި ކުޅެން އުޅޭ ކުދިންނަށް ހަދިޔާދޭނަން،" ސީނިއާ ސްޕްރިންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވިއެވެ.
އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކަސްޓަމްސްގެ ޖާނަލް އެއް ނެރުމާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި ކަސްޓަމްސްގެ ދައުރާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ކަސްޓަމްސް އިން ވަނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައެވެ.