ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ނާސިން ކިޔަވާ ދަރިވަރުން ސިއްހަތާ ބެހޭގޮތުން ހަރަކާތްތަކެއް ބާއްވައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ މާކެޓިން މެނޭޖަރު އައިޝަތު ރީމާ ވިދާޅުވީ މިއަދު ޖީ-ބްލޮކުގައި އަދި ސީއޭ ބިލްޑިން ގައި ވަނީ ނާސިން ކިޔަވާ ދަރިވަރުން ސިއްހަތާ ބެހޭ ޕްރޮގްރާމް ތަކެއް ބާއްވާފައި ކަމަށެވެ.

ޖީ-ބްލޮކުގައި މިއަދު އެމްއެންޔޫގެ ނާސިން ކިޔަވާ ދަރިވަރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދު 09:00 އިން 12:00 އަށް ގެންގޮސްފައިވާ އެ ޕްރޮގްރާމްގައި ލޭގެ ޕްރެޝަރު ބެލުމާއި ހަކުރު ބަލި ޖެހިފައި ވޭތޯ ބެލުމަށް ލޭގެ ޓެސްޓުތަކެއް ވަނީ ހަދާފައެވެ.

އިސްކޮޅާއި ބަރުދަން ބެލުމުގެ އިތުރުން އެ ޕްރޮގްރާމްގައި ވަނީ ސިއްހަތާ ބެހޭގޮތުން މައުލޫމާތުވެސް ދީފައެވެ. ރީމާ ވިދާޅުވީ އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު ނަރުހުންގެ ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ވެސް ދެވިފައިވާނޭ ކަަމަށެވެ.

ނަރުހުންގެ ހަފްތާއާ ގުޅިގެން އަންނަ ހަފްތާގެ ތެރޭގައި ވެސް އެމްއެންޔޫ އިން ވަނީ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައެވެ.