ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުވަތު އަރުވައިފި އެވެ.

ރައީސް ޔާމީނާ ޕާކިސްތާނުގެ ރައީސް އަދި އެ ގައުމުގެ ބޮޑުވަޒީރާ އެކު ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން ވަނީ، ރައީސް ޔާމީނާއެކު އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ރާއްޖެއިން މަތީ ފެންވަރުގެ ވަފްދުތައް ޕާކިސްތާނަށް ޒިޔާރަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި އެވެ. އަދި، ޕަކިސްތާނުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، އިންވެސްޓްމަންޓްގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތަނުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

ރޭގެ ބައްދަލުކުރެއްވުމަށްފަހު ރައީސް ޔާމީންގެ ދެކަނބަނލުންގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ވަނީ ޖާފަތެއް ދެއްވާފައި އެވެ. ރައީސް ޔާމީންގެ ދެކަނބަނލުން ޕާކިސްތާނަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި އެވެ. ޕާކިސްތާނަށް ރައީސް ޔާމީންގެ ދެކަނބަނލުން ވަޑައިގަތުމުން އެގައުމުން ވަނީ ރައީސްގެ ދެކަނބަނލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.