ފަޔަށް ލިބުނު ހާނިއްކައެއްގެ ސަބަބުން އާސެނަލްގެ ކެޕްޓަން ސެކް ފަބްރިގާސް އަށް މާދަމާރޭ ކުޅޭ ކާލިން ކަޕް ފައިނަލްގައި ނުކުޅެވޭނެ ކަމަށް މެޑިކަލް ސްޓާފުން ނިންމި ނަމަވެސް މެޗަށް އޭނާ ނެރެދިނުމަށް ކޯޗު އާސެން ވެންގާގެ ކިބައިން ކުޅުންތެރިޔާ އާދޭސްކުރަން ފަށައިފި އެވެ.

ފަބްރިގާސް އަށް އަނިޔާވީ ބުދަ ދުވަހު އަމިއްލަ ދަނޑުގައި 1-0 އިން ސްކޯކް ސިޓީ އަތުން އާސެނަލް މޮޅުވި މެޗުގައި ފުރަތަމަ 14 މިނިޓް ވެސް ނުވަނީހެވެ. އޭނާ ނެތިއްޖެނަމް ފައިނަލުގައި ކެޕްޓަންކަން ކުރާނީ ހޮލެންޑްގެ ރޮބިން ވެންޕަސީ އެވެ.

ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދަން އާސެނަލް މާދަމާރޭ ބާމިންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ފަބްރިގާސް ކުޅެން ބޭނުންވަނީ ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމުގެ ޝަރަފު ލިބިގަތުމަށްޓަކަ އެވެ. އަދި އެންމެ ފަހު ސިކުންތާ ހަމައަށް ވެސް މެޗު ކުޅުމުގެ އުއްމީދު ކަނޑާނުލާނެ ކަމަށް އޭނާ އިއްޔެ ބުންޏެވެ.

"އަހަރެން ވަރަށް ދިގު އިންތިޒާރެއް ކޮށްފިން ކެޕްޓަނެއްގެ ގޮތުގައި އާސެނަލްގައި ފައިނަލެއް ކުޅެން. މި މެޗުގައި އަހަރެން ކުޅެން ވަރަށް ބޭނުން. މިމެޗު ކުޅުމަށް މިވަގުތުން ފެށިގެން މެޗާ ހަމައަށް ނުނިދާ ހުންނަނެ ޖެހިއްޖެނަމަ އެކަން ވެސް ކުރަން އަހަރެން ތައްޔާރު،" މި ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް އަޑުއަރާފައިވާ ފަބްރިގާސް އޭނާގެ ޓުވިޓާ އެކައުންޓުގައި ބުނެފައިވެ އެވެ.

ފަބްރިގާސް އަކީ 2007 ވަނަ އަހަރުގެ މުބާރާތުގައި ޗެލްސީ އަތުން ބަލިވި މެޗުގަ އާއި 2005ގެ އެފް.އޭ.ކަޕް ފައިނަލްގައި ކުޅުނު ކުޅުންތެރިއެކެވެ. އަދި މިއީ ކެޕްޓަނެއްގެ ގޮތުގައި ކުޅެން އޭނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފައިނަލެވެ.

ވެންގާ ބުނީ ފަބްރިގާސްގެ ހާނިއްކަ އަކީ މާބޮޑު ކަމެއް ނޫން ކަމަށާއި ނަމަވެސް މުޅިން ފިޓްވުމަށް އޭނާ ދެ މެޗެއްގައި ނުކުޅެ އަރާމު ކުރަން ޖެހޭ ކަމަށެވެ. އަދި މެޗު ނުކުޅޭތީވެ ކުޅުންތެރިޔާ ހުރީ ވަރަށް ދެރަވެފައިވާ ކަމަށާއި މި ވަގުތު އޭނާ އަށް ޓީމަށް ކޮށްދެވޭނެ ކަމަކީ މިހާތަނަށް ކުޅުނު މެޗުތަކުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖައްސާލައި ޓީމަށް ހިތްވަރުދިނުން ކަމަށެވެ.

މި މެޗަށް ނުކުންނައިރު ތިއޯ ވޮލްކޮޓަށް ވެސް ނުކުޅެވޭނެ އެވެ. ކަކޫ ހަލާކުވުމުގެ ސަބަބުން އަންނަ މަހުގެ އަށް ވަނަ ދުވަހު ބާސެލޯނާއާއެކު ކުޅޭ މެޗަށް ވެސް ވޮލްކޮޓް ފިޓެއްނުވާނެ އެވެ.
ނަމަވެސް އަބޫދިއާބީ އާއި ލޯރަންޓް މި މެޗުގައި ކުޅޭނެ އެވެ.