07 May 2015, 10:32
ޕާކިސްތަނުގެ އެޑްވައިޒަރު ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ސެކިޔުރިޓީ އެންޑް ފޮރިން އެފެއާޒް، ސަރްތާޖް ޢަޒީޒް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިއްޔެ އޮތް މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން، ސާކްގެ ތެރެއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަ ކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ދިފާއީ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އާއި، ޞިއްޙީ ދާއިރާއިން، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އަދި، ކުރިއަށް އޮތް ތާނގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެކަން ޔަޤީން ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ރައީސް ޔާމީންއާ ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޕާކިސްތާނުގެ އެޑްވައިޒާ ޓު ދަ ޕްރައިމް މިނިސްޓާ ދެއްކެވި ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ވަރުގަދަ ސިޔާސީ ގުޅުންތައް ޤާއިމުކުރުމުގެ މުހިންމުކަމާއި، ސަރަޙައްދީ ހަމަޖެހުން ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އަދި ޕާކިސްތާނުގެ އެއްބާރުލުން އަބަދުވެސް ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ޕާކިސްތާނުގެ އެޑްވައިޒާ ޓު ދަ ޕްރައިމް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
ހަމައެއާއެކު ޕާކިސްތާނުގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު، އެމަނިކުފާނު ވަނީ ރައީސް ޔާމީނާ ހިއްސާ ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރު ޢާއިޝަތު ޝިހާމާއި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީންގެ ދެކަނބަނލުން ޕާކިސްތާނަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި އެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގަތުމުން ރައީސް ޔާމީންގެ ދެކަނބަނލުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި އެވެ.
އެ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް މަމްނޫން ޙުސައިނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހަމައެއާއެކު ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.