ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ސެމީފައިނަލް މެޗްގެ ފުރަތަމަ ލެގުގައި 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ބަލިކޮށް ބާސެލޯނާއިން ފައިނަލްގެ އުންމީދު އާކޮށްފި އެވެ.

ރޭ ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބާސާގެ ދެ ލަނޑު މެސީ ކާމިޔާބުކުރިއިރު އަނެއް ލަނޑު ކާމިޔާބު ކުރީ ނޭމާއެވެ.

ބާސާގެ ތިން ލަނޑު ވެސް ފެނިގެން ދިޔައީ މެޗްގެ ދެ ވަނަ ހާފުގައެވެ.

އެގޮތުން މެސީ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފްގެ 31 ވަނަ މިނެޓްގަ އެވެ. މިއީ ޑެނީ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ކާމިޔާބު ކުރި ލަނޑެކެވެ.

މިލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓްފަހުން އިވާން ރެކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ވަނީ ބާސާ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ބާސާގެ ތިން ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ނޭމާ ކާމިޔާބުކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭގެ މެޗްގައި ޖެހި ދެ ލަނޑާއެކު ޔޫއެފްއާ ޗެމްޕިއަންސް ލީގް ތާރިޚްގައި މެސީ ޖަހާފައިވާ ލަނޑުގެ ޢަދަދު 77 އެރީއެވެ. މެސީގެ ފަހަތުން ދެވަނައިގައި އުޅޭނީ މެސީއާ ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްތިއާނޯ ރޮނާލްޑޯއެވެ. އޭނާ ޖަހާފައިވަނީ 75 ލަނޑެވެ.

ރޭގެ މެޗުން ބާސާ މޮޅުވިއިރު މީގެ ކުރިން 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގެ ދެ މެޗުވެސް ކާމިޔާބުކޮށް ބަޔާނުން ވަނީ 7-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާގެ މައްޗަށް ކާމިޔާބު ހޯދައި އެއަހަރުގެ ސެމީފައިނަލުން ބާސާ ކަޓުވާލާފައެވެ.

އެއަހަރުގެ ފުރަތަމަ ލެގްގައި ބަޔާނުން 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދިއިރު ދެ ވަނަ ލެގް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ބާސާއާއި ބަޔާން ނުވަ ފަހަރު މަތިން ބަދަލު ކުރި ބަޔާނުން ވަނީ ބާސާގެ މައްޗަށް ފަސް ފަހަރު ކާމިޔާބު ހޯދާފަ އެވެ. ބާސާ ދެ މެޗުން މޮޅުވެފައިވާއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ބަޔާނުން ބާސާގެ ކޮޅަށް 15 ލަނޑު ޖަހާފައިވާއިރު ބާސެލޯނާއިން ޖަހާފައި ވަނީ 11 ލަނޑެވެ.

މި ދެޓީމް ކުޅޭ ސެމިފައިނަލް ދެ ވަނަ ލެގް މެޗް އޮންނާނީ މިއަންނަ އަނގަރާ ދުވަހުގެ ރޭ ބަޔާންގެ ދަނޑު އެލެންޒް އެރީނާގަ އެވެ.