ރާއްޖެ އަށް މި އައި ސިޔާސީ ބަދަލާއި އެކު 2008 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީ އާއި އެކު ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އުފުލަންޖެހޭ މާލީ ބުރަ އަކީ ކުޅަދާނަ ވާ ވަރުގެ ބުރައެއް ނޫން ކަަމަށާއި މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިރޭ ބޭއްވި ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވަނީ ސިޔާސީ ބަދަލާއި އެކު އިތުރަށް ކުރަންޖެހުނު ޚަރަދު 'ހައްގުތަކުގެ ޚަރަދު' ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، މިފަދަ ބޮޑު މާލީ ބުރައެއް 'ހައްގުތަކުގެ ޚަރަދަށް' ހޭދަ ކުުރުމަކީ ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުމެއް ކަަމަށެވެ.

2008 ވަަނަ އަހަރު ފާސްކުރި ފެހި ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިނަ މިނިވަން މުއައްސަސާތައް އުފައްދަންޖެހުނެވެ.

ދުންޔާ ވިދާޅުވީ ގާނޫނީ އަސާސީން ލިބިދީފައިވާ އަސާސީ ހިދުމަތްތައް ކަަމަށްވާ ތައުލީމާއި، ސިއްހަތާއި، ރައްކާތެރި ބޯފެން ފަދަ ހިދުމަތްތައް 188 ރަށުގައި ދިރިއުޅޭ 340،000 ރައްޔިތުންނަށް ދިނުމަކީ ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަަމަށެވެ.