ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކޮށް، އެ ދާއިރާއަށް އާއްމުންގެ އިތުބާރު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިރޭ ބޭއްވި ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ ރައީސް ޔާމީން ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ތަފްސީލީ ސްޓެރެޓަޖީ އެއް އެކުލަވާލާފައި ކަމަށެވެ.

ދުންޔާ ވިދާޅުވިގޮތުގައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް އެކުލަވާފައިވާ އެކްޝަން ޕްލޭނަކީ މި ސްޓްރެޓަޖީގެ ބައެކެވެ. މިހާތަނަށް ޝަރުއީ ދާއިރާ ކުރިއެރުވުމުގައި ވަނީ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި މި އެކްޝަން ޕްލޭނުގެ އެކުލަވާލުމުގައި އެ ކާމިޔާބީތަކަށް ރިއާޔަތް ކުރައްވާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

މިދިޔަ މަހު ރައީސް ޔާމީން ތަސްދީގު ކުރެއްވި ގާނޫނުލްއުގޫބާތުގެ ސަބަބުން ޝަރުއީ ދާއިރާ ވަރުގަދަކޮށް ޒަމާނީ ކުުރުމަށް އެހީތެރިވާނެ ކަަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޔޫއެން އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް "ލީގަލް ޕްރޮފެޝަން" ގެނަމުގައި ބިލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ފަރާތްތަކާ އެކު ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުުރުމަށް އަބަދުވެސް މަސައްކަތްކުރައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ޔާމީނު އެކުލަވާލާފައިވާ ސްޓްރެޓެޖީގެ މަގުސަދަކީ ސިޔާސީ ނިޒާމު ބަލައިގަންނަ މިންވަރު އިތުރުކުރުމާއި އަދި ފުރިހަމަ ސިޔާސީ ޕާޓީތަކުގެ ނިޒާމެއް އެކުލަވާލުން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.