ލ. ގަން ތުނޑި އިރުމަތީ ފަރާތު ވަލުތެރޭގައި މަސްތުވާތަކެތި ބަންދުކުރަން ތިބި ތިން މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ލ. ގަން، ތުނޑި ދިއްގަލި އަހްމަދު ހަނީފް އާއި އެރަށު ޒިއުރިކް އަބްދުﷲ ޝަކީބު އާއި ހަމައެރަށު އޭދީވިލާ މައުސޫމް މޫސާގެ މައްޗަށެވެ.

އެމީހުން މަސްތުވާތަކެތި ބަންދުކުރަން ތިއްބައި ފުލުހުން ހައްޔަރުކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:30 އެހާކަންހާއިރު އެވެ.

ފުލުހުން އެމީހުން ތިބި ތަނަށް ދިޔުމުން އެ ހަތަރު މީހުން ވަނީ ފިލާފައެވެ. އެމީހުން ތިބި ސަރަހައްދު ފުލުހުން ބަލައި ފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 15.1376 ގްރާމް ކެނަބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވެއެވެ.