06 May 2015, 21:07
ކާރުން ޖައްސައި މީހަކު މަރާލުމަށް ފަހު، ފިލި މައްސަލަ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިތާ މަދު ގަޑި އިރުކޮޅެއްގެ ތެރޭގައި އޭނާ ކަފާލާތުގެ ދެ ދަށުން ދެ ދުވަހަށް ގެ އަށް ބަދަލުކޮށްފި އެވެ.
ބޮމްބޭ ހައި ކޯޓުން ސަލްމާން ހާން ދެ ދުވަހަށް ގެއަށް ވީއްލީ، އޭނާގެ ވަކީލުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުންނެވެ.
އެ މައްސަލައިގެ އަޑުއެހުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ބީބީސީ އިން ބުންޏެވެ.
ގެދޮރު ނެތް މީހެެއްގެ ގައިގައި ކާރުން ޖައްސައި މަރާލި މައްސަލަ ސަލްމާންގެ މައްޗަށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިއަދު އެވެ.
މީގެ 13 އަހަރު ކުރިން، 2002 ވަނަ އަހަރު ސަލްމާން ދުއްވި ކާރު ގެދޮރު ނެތް، މަގުމަތީގައި ނިދާފައި ތިބި ފަސް މީހެއްގެ މަތީން ގޮސް، އެކަކު މަރުވެ، ތިން މީހަކު ވަރަށް ބޮޑަށް ޒަހަމުވި އެވެ.
ސަލްމާން ކޯޓުގައި ބުނީ އެކްސިޑެންޓް ހިނގި އިރު އޭނާގެ ކާރު ދުއްވަން އިނީ އޭނާގެ ޑްރައިވަރު ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ ކާރު ދުއްވަން އިނީ ސަލްމާން ހާން ކަމަށެވެ. އަދި އޭރު އޭނާ އިނީ މަސްތުގެ ހާލުގައި ކަމަށެވެ.
ސަލްމާންގެ މައްޗަށް އެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމަކީ އޭނާ އަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.
ދަށު ކޯޓުގެ ހުކުމަށް ފަހު އަދި އޭނާގެ ވަކީލުން މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައި ނިމެންދެން އޭނާ އިނީ ދަށު ކޯޓުގަ އެވެ. އަދި އިސްތިއުނާފުން ނިންމީ ކަފާލާތުގެ ދަށުން ދެ ދުވަހަށް ގެ އަށް ބަދަލުކުރުމަށެވެ.
ހާން އަކީ ބޮލީވްޑްގެ ވަރަށް މަޝްހޫރު ތަރިއެކެވެ. އޭނާ ވަނީ ހިންދީ ބަހުން ކުޅެފައިވާ 80 އަށް ވުރެ ގިނަ ފިލްމްތަކުގައި ހަރަކާތްތެރިވެފަ އެވެ.
އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން ދަބާންގް އާއި ރެޑީ، ބޮޑީގާޑް، މައިނޭ ޕިޔާރުކާ ފަދަ ފިލްމްތަކަކީ ވަރަށް މަޝްހޫރު ފިލްމްތަކެވެ.
ސަލްމާން ހާން އޭނާގެ އާއިލާގެ މީހުންނާއި ރައްޓެހިންނާއި އަދި ފޭނުންނާ އެކު މިއަދު ކޯޓަށް ދިޔައީ އެ މައްސަލަ އިން އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީން ކަމާ އެކު އެވެ. ނަމަވެސް ފަނޑިޔާރު ހުކުމް ކުރީ ސަލްމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
"ކަލޭ ކާރު ދުއްވީ، އަދި ކަލޭ އިނީ މަސްތުގެ ހާލަތުގައި،" ފަނޑިޔާރު ވިދާޅުވި އެވެ.
ސާޅީސް ނުވަ އަހަރުގެ ހާންގެ މައްޗަށް ފަރުވާ ކުޑަކޮށް ކާރު ދުއްވައި އެތައް ބަޔަކު ޒަހަމުވި މައްސަލަ ވެސް ސާބިތުވި އެވެ. ނަމަވެސް ހާންގެ ވަކީލުން ބުނީ އެ ހުރިހާ ކަމެެއް ވެސް ހިނގީއެއްވަގުތެއްގައި ކަމަށެވެ.