06 May 2015, 20:59
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ދިޔަ އަދާލަތު ޕާޓީގެ މެމްބަރެއް ކަމުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވުމަކީ އަނިޔާވެރިކަން ތަހައްމަލު ކުރައްވަމުންދާ ހުރިހާ ދިވެހީންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމަށް އިހުތިރާމުކޮށް އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއްކަން އެޕާޓީން ފާހަގަކުރާ ކަމަށެވެ. އަދި އެފަދަ ކޮންމެ "ހުތޫރަތްތެރި ދަނޑިވަޅުގައި ޝަހީމް ދައްކަވާފައިވާ ސާބިތުކަމަށްޓަކައި އަދާލަތު ޕާޓީން ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
"އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އިސްލާމްދީނަށާއި ދިވެހި ގައުމަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް އަދާލަތު ޕާޓީގެ ފަރާތުން ޝުކުރުވެރިކަމާއި އެކު ފާހަގަކުރަމެވެ." އެޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ޝަހީމް އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރިތާ އެއް ދުވަސް ފަހުން ނެވެ.
އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ މަޝްވަރާ މަޖިލީހުގައި ބައިވެެރިވެވަޑައިގެންނެވި 81 ޕަސަންޓު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަދާލަތުޕާޓީން އެގޮތަށް ނިންމީ މިދިޔަ މޭމަހުގެ އެއްވަނަ ދުވަހު އަދަލާތުޕާޓީ އިސްނަގައިގެން ބޭއްވި މުޒާހަރާއަށް ފަހު އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެންނެވެ.
އަދާލަތު ޕާޓީގެ އެ ނިންމުމަށް ފަހު ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދެއްވިނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ހެން މީގެކުރިން ޝަހީމް ވަނީ މި ސަރުކާރުގެ ދިފާއުގައި ވާހަކަފުޅުދައްކަވާފައި އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ޝަހީމް ވިދާޅުވެފައި ވަނީ "ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް، ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރުދަންނަވަން،" ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާވަނީ ޑރ. އަހުމަދު ޒިޔާދު ބާގިރު އެމަގާމަށް މިއަދު އައްޔަން ކުރައްވާފައި އެވެ.