06 May 2015, 18:40
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދާ ސުވާލު ކުރުމުން އޭނާ، ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރެއްވީ ފުލުހުންނަށް އެއްބާރުލުން ނުދޭކަށް ނޫން ކަމަށް އަލީ ވަހީދުގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދުގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އަލީ ވަހީދު ހަނުހުރުމުގެ ބޭނުން ކުރީ "އިމޯޝަނަލީ އަލީ ވަހީދުގެ ހާލަތު" އެހާ ރަނގަޅު ނުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، އަލީ ވަހީދަކީ އެއް އިރެއްގައި ވެސް ފުލުހުންނަށް އަދި މައްސަލަ ތަހުގީގު ކުރައްވާ ފަރާތްތަކަށް ހުރަސް އަޅާ ނުވަތަ އެއްބާރުލުން ދޭން ބޭނުން ނުވާ ބޭފުޅެއް ނޫން ކަމަށެވެ.
ސުއޫދު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާ ބަންދު ކޮށްފައި ބަހައްޓާ ތަނަކީ އެ މީހަކަށް އަދަބަކަށް ވާންޖެހޭނެ ތަނެއް ނޫން ކަމަށެވެ.
"އަލީ ވަހީދާއެކު ހައްޔަރު ކުރި މުޒާހަރާގެ އިސް މީހުން ބެހެއްޓިފައި ވަނީ އަލަށް ހަދާފައިވާ ގޮޅިތަކެއްގައި. އެގޮޅިތައް ޓެސްޓު ކުރުމަށްޓަކައި އެތަނަށް އެންމެ ފުރަތަމަ މި ލެވުނީ އެބޭފުޅުން [މުޒާހަރާ އިންތިޒާމު ކުރި އިސްވެރިން] އެތަނަށް. އެހެންވީމަ އެއީ ހަމަ އަލަށް އެތަން ހަދާ ތައްޔާރުވެގެން އެކްސްޕެރިމެންޓެއް ހެދުމަށް ލެވުނު ބީދައިން މި ލެވުނީ. އެހެންކަމުން އެތަނުގެ ހާލަތު ފުލުހުންނަކަށް ވެސް އަދި ބަންދު ކުރެވުނު ފަރާތްތަކަށް ވެސް އަޅުގަނޑަކަށް ހިއެއް ނުވޭ އެނގިވަޑައިގަންނަވާ ހެނެއް،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، އެ ގޮޅިތަކަކީ އަލަށް ހެދި ގޮޅިތަކަކަށް ވުމުން އެތަނުގެ އަސާސީ ކަންތައްތައް ހުރީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.
"ފުރަތަމަ ތިން ރޭ ދިޔައީ ކަރަންޓު އެއްގޮތަކަށް ވެސް ނެތި. ކަނު އަނދިރީގައި. ދެން މި ދުވަސްވަރަކީ އަދި އެހާ ހޫނު ދުވަސްވަރެއް. ދެން އެތަނުގައި ފަންކާއެއްގެ މިންވަރުވެސް ނެތުމުން ގައިން އޮހޮރޭ ދަލުން މީހާ ހުންނަނީ ހަތަރު ދަމު ފެންވެރިފައި." ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، އަލީ ވަހީދު ހުންނެވި ގޮޅިއަށް މިހާރު ފަންކާއެއް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފަންކާއަށް ކަރަންޓު ނާންނަކަން ސުއޫދު ފާހަގަކުރެއްވި އެވެ.
ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. އޭނާ ހައްޔަރު ކުރީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އެ ވާހަކަފުޅުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.