މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކަށް ދެން މާލީ ގެއްލުމެއް ނުދައްކާނެ ކަމަށް އެ ކޯޕަރޭޝަންގެ އެކްޓިން އެމްޑީ އަހުމަދު ނިޔާޒް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ނިޔާޒް ވިދާޅުވީ އެ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެ ކޯޕަރޭޝަނަށް ބޮޑު ގެއްލުމެއް ދައްކަމުން އައި ހެރެތެރެ ރިސޯޓް ސިންގަޕޫރުގެ ކުންފުންޏަކަށް 33 މިލިއަން ޑޮލަރަށް ވިއްކާލުމުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެމްޓީޑީސީ މިހާރު މި އޮތީ 'ކޮޅަށް ޖެހިފައި' ކަމަށެވެ. އެމްޓީޑީސީން އެހެން ފަރާތްތަކަށް ކުއްޔަށްދޫކޮށްފައި ހުރި ރަށްތަކުން ލިބޭ ކުލި ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން އެގްރިމެންޓް ހަދާފައި ވަނީ މިގޮތަށް ކުލި އިތުރުވާ ގޮތަށް ކަަމަށް ވެސް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި ނިޔާޒް ވިދާޅުވިއެވެ.

"ކުންފުނީގެ މުސްތަގުބަލް މިއޮތީ ވަރަށް ރަނގަޅަށް" ނިޔާޒް ވިދާޅުވިއެވެ. އަހަރުތަކެއް ވަންދެން އެމްޓީޑީސީ އަށް ގެއްލުންވެފަ މިހާރު މި ވަނީ ފައިދާވާން ފަށާފަ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފަހު ކުއާޓާގައި އެ ކޯޕަރޭޝަނަށް ވަނީ 6.7 މިލިއަން ރުފިޔާގެ ސާފު ފައިދާ އެއް ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 15 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެފަ އެވެ.