މ. ވުޑްޕެކާގެއިން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އުމުރަށް ޖަލަށްލުމަށް މިދިޔަ މަހު ހުކުމް ކޮށްފައި ވަނީ ގދ. ވާދޫ، ޗިޗަންޑާގެ، އިނާޝް ޢަބްދުﷲ ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ކޯޓު އަމުރެއްގެދަށުން މިދިޔަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަގެ ހެނދުނު 8:40 އެހާކަންހާއުރު އިނާޝް ދިރިއުޅޭ މ. ވުޑްޕެކާގެ ބަލައި ފާސްކުރިއިރު އޭނާ ނިދާ ކޮޓަރިން މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ ދަށުގައިހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން ފެނުނު ދެ ރަބަރުގަނޑާއި ފިލްމު ހުސްކުރި ހަތަރު ދަޅުގައި ބަރުދަނުގައި 556.654 ގްރާމްގެ ކެނަބިސް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށްވެސް އެ ހުކުމުގައި ވެއެވެ. އަދި ފިލްމު ހުސްކުރި ދަޅުން ނެގުނު ދެ ފިންގާ ޕްރިންޓް އިނާޝްގެ ފިންގާ ޕްރިންޓާ ދިމާވެފައިވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޖޫރިމަނާގެ ފައިސާ، އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާއަށް ވަނީ އަންގާފައެވެ.