06 May 2015, 21:21
ފުވައްމުލަކުގައި ހުންނަ މަދަރުސަތުލް ޝެއިހް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ގައި އަށް ކްލާސް ރޫމްގެ އާ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް އެޅުމަށް ހަވާލު ކޮށްފައިވަނީ ހައިމާން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އަދި ހައިމާންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު މުހައްމަަދު އައިމަން އެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ދެ ފަންގިފިލާގެ އެ އިމާރާތް އެޅުމަށް ދައުލަތުގެ ބަޖެޓުން 201،167 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެމްޖޭއެމްގައި އަލަށް އަޅަން ހަމަޖެހިފައިވާ އިމާރާތް ނިންމުމަށް ދީފައިވަނީ 183 ދުވަހެވެ.