06 May 2015, 16:54
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ހައްގުގައި ވަކާލާތު ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މުޒާހަރާއާ ގުޅިގެން 174 މީހަކު ފުލުހުންގެ ހައްޔަރުގައި އެބަ ތިބި ކަމަށެވެ. އަދި އެފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ހޯދަން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ޝިފާޒު ވިދާޅުވީ ހައްޔަރުކޮށްފައި ތިބި ފަރާތްތަކަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ 49 ފަރާތަކަށް ވަކީލުން ހަމަނުޖައްސައިދޭ ކަމަށް ފުލުހުން ބުނަމުންދާ ކަމަށެވެ. ނަމަވެސް މުޒާހަރާގައި ހައްޔަރުކުރި އެއްވެސް ފަރާތަކަށް ވަކީލުން އައްޔަންނުކޮށް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި މިވާ ހައްގުތައް ހަނި ކުރުމުގެ ބޭނުމުގައި މިކަންކަން މުޒާހަރާ ކުރުމާއި އެއްވެ އުޅުމަކީ މި ރާއްޖޭގައި ނުކުރެވޭނެ ކަމެއްކަން ކުރަން ނުވާނެ ކަމެއްކަން ހާމަކޮށްދިނުމަށްޓަކައި އެބޭފުޅުން ކުރާ މަސައްކަތެއް އެބޭފުޅުން މިގެންދަނީ ހައްޔަރީންނަށް ލޯޔަރުންނާ ބައްދަލުވުމުގެ ފުރުސަތު ނުދީ އެ އުނދަގޫތައް ކުރިމަތި އެ ކުރުވަނީ. އޭގެ ބަދަލުގައި ދެން މިކުރާ ކަމަކީ އަޅުގަނޑުމެންގެ މިދެންނެވި ބޭބޭފުޅުން ދޫނިދޫގައި ބައިތިއްބާފައި އަޅުގަނޑުމެންނަށް އެ މައުލޫމާތު ނުދީ އަދި ލޯޔަރުންނަށް އެ ފުރުސަތުތައް ނުދީ ފުލުހުންގެ ތެރެއިން މީހުން ހައްޔަރުކޮށްފައި ތިބި އާއިލާތަކަށް ގުޅަމުން ދަނީ،" ޝިފާޒު ވިދާޅުވި އެވެ.
އެމްޑީޕީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހަސީން ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބި ފަރާތްތަކަށް ގާނޫނީ ވަކީލުން ހަމަޖައްސައި ނުދީގެން މީގެ ކުރިން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ފުލުހުން ކުރަމުންދާ މަސައްކަތަކީ މުޒާހަރާއަށް މާލެ އައުމަށް ގޮވާލި ފަރާތްތަކުގެ އަގު ވައްޓާލުން ކަމަށެވެ. ހަސީން ވިދާޅުވީ މުޒާހަރާގައި ހައްޔަރުކޮށްފައި ތިބި ފަރާތްތަކުގެ ހައްގުގައި 12 ވަކީލުން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ކޮންމެ ދުވަހަކު ވެސް އެ ފަރާތްތަކުން ހައްޔަރުކޮށްފައި ތިބި ފަރާތްތަކާ ބައްދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ދޫނިދޫއަށް ކޮންމެ ދުވަހަކުވެސް އެބަ ބައްދަލު ކުރަން ދޭ ގިނަ އަދަދެއްގެ ވަކީލުން. އެކަމަކު ކޮންމެ މީހަކަށް ދެތިން ހަތަރު މީހަކަ ބައްދަލު ކުރެވެނީ މި. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް [ވަކީލުން] ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން 10 މީހުންނާ ވެސް ބައްދަލު ކުރެވިފައިއެއް ނުވާނެ،" ހަސީން ވިދާޅުވި އެވެ.