ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަ ވުމާ ގުޅިގެން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ރޭގަނޑު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ނެރުން ނޫސް ބަޔާނުގައި ބުނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރު ނުކުރުމަށާއި ދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރަން ޖެހޭނީ މޫސުމާ ބެހޭ މައުލޫމާތު ފުރިހަމަ އަށް ހޯދުމަށް ފަހުގައި ކަމަށެވެ.

ކަނޑުގަދަ އިރު ދަތުރުތައް ކުރާނަމަވެސް ރައްޔިތުންނާއި މުދަލުގެ ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ވިއްސާރަ ވުމުގެ ސަބަބުން މަގުތަކުގައި ފެން ހެދިފައި އޮންނަ ވަގުތުތަކުގައި މަގުގައި ހިނގާ މީހުން އަދި އެއްޗެހި ދުއްވާ މީހުންވެސް ރައްކާތެރި ވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މަގުތަކުގައި ފެން ހެދިފައި ހުންނަ ވަގުތުތަކުގައި ބާރު ސްޕީޑެއްގައި އެއްޗެހި ނުދުއްވުމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓު) އިން ވަނީ ބުނެފައެވެ. އެއާ ގުޅިގެން މެޓުން ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.