06 May 2015, 16:47
ނިއުދިއްލީ (މޭ 06 ): މެދުތެރޭ އޭޝިޔާގެ ގައުމުތަކާއި އީރާނާ އަދި ގަލްފުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.
އިންޑިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ނިޓިން ގަޑްކަރީ އާ ހަވާލާދީ އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މެދުތެރޭ އޭޝިޔާގެ ގައުމުތަކާއި އީރާނާ އަދި ގަލްފުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ޑިޕްލޮމެޓިކް ޚާއްސަ މަސައްކަތްތަކެއް އިންޑިޔާ ވަނީ ފަށާފަ އެވެ. މީގެތެރޭގައި އީރާނުގެ އިރު ދެކުނުގެ ކަނޑުގެ ބަނދަރެއްކަމަށްވާ ޝާބަހާރު ބަނދަރު ތަރައްގީ ކުރުމަށް އެގައުމާއެކު 2003 ވަނަ އަހަރު އިންޑިޔާ ސޮއިކޮށްފައިވާ އެއްބަސްވުން ތަންފީޒުކުރެވިފައި ނުވާތީ އެ ބަނދަރު ހެދުމުގެ އައުއެއްބަސްވުމެއްގައި އީރާނާއެކު ސޮއިކުރުން ހިމެނެއެވެ.
ދޮޅު ބިލިޔަން ޑޮލަރުގެ މިއެއްބަސްވުން ތަންފީޒުކުރުން ލަސްވެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އީރާނުގެ ޝާބަހާރު ބަނދަރު ތަރައްގީ ކުރުމުގެ އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް ޓަކައި އިންޑިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ނިޓިން ގަޑްކަރީ ވަރަށް އަވަހަށް އީރާނަށް ވަޑައިގަންނަވާނެއެވެ.
އިންޑިޔާގެ ރަސްމީ ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނާގޮތުން ޗައިނާއިން ޕާކިސްތާނާއެކު 46 ބިލިޔަން އެމެރިކާ ޑޮލަރުގެ އިގްތިސާދީ އެއްބަސްވުންތަކެއްގައި ދާދިފަހުން ސޮއިކުރުމާއެކު އިންޑިޔާ ގެންދަނީ މެދުތެރޭ އޭޝިޔާގެ ގައުމުތަކާއި އީރާނާ އަދި ގަލްފުގެ އަރަބި ގައުމުތަކާއެކު އިގްތިސާދީ ގުޅުންތައް ބަދަހި ކޮށް އެކަމުން ވިޔަފާރީގެ ފައިދާނެގުމަށް އިންޑިޔާވަނީ ބޭނުންވެފައެވެ. އެހެންކަމުން މެދުތެރޭ އޭޝިޔާގެ ގައުމުތަކާއެކު އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކެއްގައި ސޮއިކުރުމަށް އިންޑިޔާ ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. (ރޮއިޓާސް)