މިސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން ބާކީ ތިން މެޗް އޮއްވައި ޗެލްސީ މިވަނީ ކަށަވަރުކޮށްފައެވެ.

މިއީ ޕްރިމިއާ ލީގުގެނަމުގައި 1992 ވަނަ އަހަރު މިމުބާރާތް ތައާރަފްކުރި ފަހުން ޗެލްސީ މިމުބާރާތް ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ.

މިސީޒަންގެ މުބާރާތް ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ޕްރިމިއާ ލީގްގެ ތަށި އެންމެ ފުރަތަމަ އެޓީމަށް ކާމިޔާބުކޮށްދިން ކޯޗު ޕޯޗްގަލްގެ ހޯސޭ މޮރިނިއޯއެވެ. މޮރީނީއޯ ވަނީ ޕްރިމިއާ ލިގް ޗެލްސީއަށް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްދީފައެވެ.

އެހެންކަމުން މޮރީނިއޯ ވެފައިވަނީ ޗެލްސީގެ ޕްރިމިއާ ލީގްގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ.

މިފަހަރު މުބާރާތް ޗެލްސީ ކާމިޔަބު ކުރުމުގައި މޮރީނިއޯ ވަނީ ވަރަށް ގިނަ ރޭވުންތަކެއް ރާވައި ދުރާލައި ތައްޔާރުވެފައެވެ. އެހެން ޓީމްތަކުން ސީޒަނަށް ތައްޔާރުވުމުގައި ނުގެންގުޅޭ 'ސިއްރު' ޓެކްޓިކްސްތަކެއް މޮރިނިއޯއާއި ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޯމޮވިޗް ވަނީ ގެންގުޅެފައެވެ.

އަލަށް ގެނައި ކުޅުންތެރިން

މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ކުލަބް ތަކުގެ ތެރެއިން ޓްރާންސްފަރ މާކެޓްގައި އެންމެ ކާމިޔާބު ޓީމަކީ ޗެލްސީއެވެ. ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީއަށް ކުޅުންތެރިން ގެނެސްފައިވަނީ އެންމެ ބޭނުންވާ މަގާމަށް އެންމެ އެކަށީގެންވާ ކުޅުންތެރިންނެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ސިފަ ކުރާ ގޮތުން ޓްރާންސްފާ މާކެޓު އެންމެ 'ލޯ ހުޅުވައިގެން' ހުރި ކޯޗަކީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯއެވެ.

ޑިއޭގޯ ކޯސްޓާ: ޕްރިމިއާ ލީގްގައި ޗެލްސީއަސް މުހިންމު ގޯލްތަކެއް ޖަހައިދީފައިވޭ --- ފޮޓޯ/ ޓެލެގުރާފް

އެގޮތުން އޭނާ ވަނީ ޓްރާންސްފާ ޕީރިއަޑްގައި މިދިޔަ ސީޒަންގައި އެތްލެޓިކޯ މެޑްރިޑްގައި މޮޅު ކުޅުމެއް ދެއްކި ބްރަޒިލަށް އުފަން ސްޕެއިންގެ ގައުމީ ޓީމްގެ ފޯވަޑް ޑިއޭގޯ ކޯސްޓާއާއި ކުރިން އާސެނަލްއާ ބާސެލޯނާއަށް ކުޅުނު ސްޕެއިންގެ ސެސް ފެބްރިގާސް ވަނީ އެޓީމަށް ގެނެސްފައެވެ. އަދި ކުރިން އެޓީމަށް ކުޅުމަށްފަހު ޗައިނާގެ ސްޕަލީގްގައި ކުޅޭ ޝަންހާއީ ސެންހުއާއަށާއި ތުރުކީގެ ގަލަތަސާރާއީއަށް ކުޅުނު އައިވަރީކޯސްޓްގެ ގައުމީ ޓީމްގެ ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ވަނީ އަލުން ޗެލްސީއަށް ގެނެސްފައެވެ.

ޑިޑިއޭ ޑްރޮގުބާ: އަލުން ޗެލްސީއަށް އައިސް މޮޅު ކުޅުމެއް ވަނީ ދައްކާފަ --- ފޮޓޯ/އޭޕީ

އަދި ފްރާންސްގެ ލީލްގެ ކޮންޓްރެކްޓްގައި ހުއްޓައި އެޓީމަށް 32 މިލިއަން ޕައުންޑް ދިނުމަށް ފަހު ޗެލްސީއަށް 2012 ވަނަ އަހަރު ގެނައި ބެލްޖިއަމްގެ މިޑްފީލްޑަރ އެޑެން ހެޒާޑަށް މޮރީނިއޯ ވަނީ ކުޅުމަށް ގިނަ ފުރުސަތުތަކެއްދީ އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. ހެޒާޑަށް ގިނަ ފުރުސަތުތަކެއް ދިނުމަކީ މޮރީނިއޯއަށް ކުރި އެންމެ ފާހަގަކޮށްލެވޭ ކަންތަކެވެ.

އަދި ޗެލްސީގެ ކޮންޓްރެކްޓްގައި ހުރެފައި 2011 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމަޔަށް ލޯން އެއްބަސްވުމުގެ ދަށުން އެތްލެޓިކޯ މެޑްރިޑަށް ކުޅުނު ބެލްޖިއަމްގެ ގައުމީ ޓީމްގެ ގޯލްކީޕަރު ތައިބަޓް ކޯޓްއާ ވަނީ ޗެލްސީގެ އެއް ނަންބަރު ކީޕަރަކަށް ކުޅުވުމަށް އަލުން ޗެލްސީގެ ޓީމަށް ގެނެސްފައެވެ.

އެޑިން ހެޒާޑް މިސީޒަންގައި ޕްރިމިއާ ލީގުގައި މޮޅުކުޅުމެއް ދެއްކި ކުޅުންތެރިޔެއް --- ފޮޓޯ/ އޭޕީ

ޗެލްސީއިން މިސީޒަންގައި ގެނައި ކޮންމެ ކުޅުންތެރިޔަކީ ޗެލްސީގެ ޓީމްގެ މަގާމްތަކަށް އެންމެ އެކަށޭނެ ނަތީޖާ ނެރެދީފައިވާ ކުޅުންތެރިންނެވެ.

މޮރީނިއޯ ޓީމަށް ގެނައުމަށް ބޭނުންވާ ޓެކްނިކަލް ބަދަލުތައް ހިމެނޭ ޕްރަޕޯސަލް އަބްރޯމޮވިޗް ތަސްދީގު ކުރީވެސް އެބަދަލުތަކަކީ ޓީމަށް ނަތީޖާ ނެރެދޭނެ ބަދަލުތަކަކައް ވާނެގޮތަށް މޮރިނިއޯގެ ޕްލޭންތައް އެކުލަވާލައިފައިވާތީއެވެ. އޭނާ އެކުލަވާލި ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން މިވަނީ ސާބިތުކޮށްދީފައެވެ.

ޗެލްސީގެ ކޯޗް މޮރީނިއޯ

ރޯމަން އަބްރޯމްވިޗް 2003 ވަނަ އަހަރު އޯގަސްޓް މަހު ޗެލްސީ ގަތުމަށްފަހު އޭނާ ބެލީ އެޓީމްގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސް ނަތީޖާ ނެރެދެވޭނެ ކޯޗެއް ގެނައުމަށެވެ. އެގޮތުން ޕޯޓޯއަށް 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ހޯސޭ މޮރިނީއޯ ޗެލްސީއަށް ގެނައެވެ. ފުރަތަމަ ސީޒަންގައިވެސް މޮރިނިއޯ ނަތީޖާ ދައްކައިދިނެވެ. އެގޮތުން ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނީ އެޓީމަށް ޕްރިމިއާ ލީގް ކާމިޔާބުކޮށްދީފައެވެ.

ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ: ޗެލްސީ ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދުމުގައި އޭނާ ދުރާލާ ރޭވި ރޭވުންތެރިކަން ބޮޑު --- ފޮޓޯ/ އޭޕީ

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު 2013 ވަނަ އަހަރު މޮރީނިއޯ އަލުން ޗެލްސިއަށް ގެނައީވެސް އޭނާގެ ކިބައިން ތަފާތު ފެންނާނެކަން އެނގިގެންނެވެ.

ޗެލްސީގެ ކޯޗުކަމުން ވަކިވެ ހޭދަވި ހަ އަހަރުގެ މުއްދަތުގައި އޭނާ ވަނީ އިނގިރޭސި ލީގަށް ފަހު ޔޫރަޕްގެ އެންމެ ބޮޑު ދެ ލީގު ކަމުގައިވާ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގައިވެސް މަސައްކަތްކޮށްފައެވެ.

އިޓާލިއަން ލީގުގައި އޭނާ ކޯޗްކޮށްދިނީ އިންޓަމިލާންއަށެވެ. ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށެވެ. އަލުން ޗެލްސީއަށް މޮރީނިއޯއައީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން މުއްދަތު ހަމަވުމުގެ ކުރިން އުވާލުމަށްފަހުއެވެ. 2010 ވަނަ އަހަރު ރެއާލްއާ ގުޅުނު މޮރީނިއޯއާ އެކުވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2017 ވަނަ އަހަރުއެވެ.

އެހެންކަމުން އަލުން ޗެލްސީއާ މޮރީނިއޯ ހަވާލުވީ އިނގިރޭސި ލީގާއި ވާދަކުރަމުންދާ އެންމެ ބޮޑު ދެލީގުގައި މަސައްކަތް ކުރުމަށްފަހު އެތަޖުރިބާ ތަކާއެކުއެވެ. އެހެންކަމުން އަލުން ޗެލްސީއާ ހަވާލުވެ މޮރީނިއޯގެ ފަރާތުން ފެނިފައިވަނީ ތަފާތު ޓެކްޓިކްސްތަކެކެވެ. ކުޅުންތެރިން މޯޓިވޭޓް ކުރުމުގައިވެސް މޮރީނިއޯ ގެންގުޅެފައިވަނީ މުޅިން ތަފާތު އުކުޅެއްކަމަށް އިނގިރޭސީ މީޑިއާތަކުން ބުނެއެވެ.

މިސީޒަންގެ އިނގިރޭސި ލީގްގެ ޗެމްޕިއަންކަން ހޯދުމުގައި މޮރީނިއޯ ދުރާލައި ރާވައިގެން އެޅި ފިޔަވަޅުތަކާއި ސީޒަން ފެށި ނިމެންދެންވެސް ޓީމް އެއް ހަމައެއްގައި ހިފެއްޓުމަށް މޮރީނިއޯގެންގުޅެފައިވާ މުހިންމު ޓެކްނިކަލް ބަދަލުތައް ފާހަގަ ކުރަންޖެހެއެވެ.