06 May 2015, 13:17
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަލާދިން ފުލުސް މީހާ ވައްޓާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކްލަބް އީގާލްސްގެ މިހާރުގެ އެއް ނަންބަރު ކީޕަރު އިބްރާހިމް ލަބާން ޝަރީފްގެ ބަދަލުގައި މާދަމާ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗްގައި އީގަލްސްގެ ގޯލް ބަލަހައްޓާނީ މުޅިން އާ ގޯލް ކީޕަރެއްކަމަށް އެ ކްލަބްގެ ކޯޗް އިހްސާން ޢަބްދު ޣަނީ (ސާންތީ) ބުނެފިއެވެ.
މަހިބަދޫއާ ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ސާންތީ ބުނީ ފަސް ކީޕަރަކު އީގަލްސްގެ ޓީމްގައި ލިސްޓްކޮށްފައިވާއިރު އޭގެތެރޭގައި ގަލޮޅު ދަނޑުގައި ކުރިން ކުޅެފައި ހުރި އަޙްމަދު ސިނާން (ނާނީ)ވެސް ހިމެނޭކަމަށެވެ. ނަމަވެސް މާދަމާ މެޗަށް ނިކުންނާނީ ގަލޮޅު ދަނޑަށް މުޅިން އާ ކީޕަރެއްކަމަށް އޭނާ ބުންޏެވެ.
"މިހާރު ލަބާންވެސް ނެތް. އަދި ފައިސަލްވެސް ކުރިއަށް އޮތް ހަ މަސް ދުވަހު ނުކުޅެ ހުންނަން ޖެހޭނެކަމަށް ޑޮކްޓަރު އިއްޔެ މައުލޫމާތު ދިން. ޓީމްގައި ފަސް ގޯލް ކީޕަރުންގެ ނަންވެސް ޖަހައިގެން މިއުޅެނީ. އޭގެ ތެރޭގައި ނާނީވެސް އެބަހުރި. ނަމަވެސް މާދަމާ އަޅުގަނޑުމެން ނެރޭނީ މުޅިން އާ ކީޕަރެއް. މާދަމާ މިއީ އޭނާ ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗް،" ސާންތީ ބުންޏެވެ.
ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅެފައި ހުރި ނާނީ ހުއްޓައި މުޅިން އާ ކީޕަރެއް ޓީމަށް ނެރެނީ ކީއްވެގެންތޯ ސުވާލު ކުރުމުން ސާންތީ ބުނީ ތަޖުރިބާއަކީ އެއް ޕޮއިންޓުކަމަށާއި ނަމަވެސް ޓީމާއެކު ފަރިތަ ކުރުންތައް ކޮށްފައި ހުރުންވެސް އެއީ މުހިންމު ކަމެއްކަމަށެވެ.

އީގަލްސްގެ ކޯޗް ސާންތީ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިކީޕަރަކީ މުޅިން އާ ކީޕަރަކަސް ފެށުނީންސުރެ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައި ހުރި ކީޕަރެއް. އަދި ފަރިތަކުރުންތަކުގައި 100 ޕަސަންޓް ކޮމިޓްމެންޓް ދީފައި ހުރި ކީޕަރެއް. އޭނައަށް ފުރުސަތު ނުލިބެނީ، އަޅުގަނޑަށް އޭނާއާއިމެދު އިތުބާރު އެބައޮތް،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ ލަބާން 'ގެއްލިގެން' ދިޔުމަކީ ދިވެހި ފުޓްބޯޅައިގެ އެސެޓެއް ގެއްލިގެން ދިޔުންކަމަށާއި ސިޔާސީ ފަރާތްތަކުންވެސް ޕްރޮފެޝަނަލް ކުޅުންތެރިން އެފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުކުރުމަށް ގޮވާލާކަމަށެވެ.