ޓެލެސްކޯޕް މެދުވެރިކޮށް ރައްކާތެރި ކަމާއެކު އިރު ކައިރިން ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.

ސައިންސުގެ ދިރާސާތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ "ސައިންސް އެންމެންނަށް"ގެ ފައުންޑާއެއް ކަމަށްވާ މުސައްނިފް ޒާހިރު "ސަން"އަށް މިއަދު ވިދާޅުވީ ޓެލެކްސްކޯޕް މެދުވެރިކޮށް އިރުތިކި ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ހެނދުނު 7:30 އިން 9:30 އަށް ރާޅުގަނޑުގައި ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"ސޭފް ވާނެ ސީދާ އިރާއި ދިމާލަށް ބަލަން، ދެން އަޅުގަނޑުމެންގެ ޓެލެސްކޯޕްތައް ބާރުގަދަވާނެ އިރުތިކި ހަމަ ލޮލަށް ފެންނަހާ ބާތު ގަދަވާނެ،" މުސައްނިފް ވިދާޅުވިއެވެ.

ރައްކާތެރިކަމާއެކު ޓެލެސްކޯޕުގެ އެހީގައި ކައިރިން އިރާއި އިރުތިކިތައް ހިލޭ ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އެ ހަރަކާތައް ދެތިން ޓެލެސްކޯޕް ގެންދާނެ ކަމަށާއި އެޓެލެސްކޯޕްތަކަކީ ސޯލާ ފިލްޓަރެއް ލާފައި ހުންނަ ޓެލެސްކޯޕްތަކެއް ކަމަށް ވެސް މުސައްނިފް ވިދާޅުވި އެވެ.

އެ ހަރަކާތުގެ އިތުރުން މި މަހުގެ ތެރޭގައި ޓެލެސްކޯޕް މެދުވެރިކޮށް ތަރިތައް ބެލޭ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް މުސައްނިފް ވިދާޅުވި އެވެ.