06 May 2015, 13:06
ތަހުގީގު ޓީމުން ކުރި ސުވާލުތަކަށް ޖަވާބުނުދެއްވައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ހަނުހުންނަވައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމުން އަމީނާ ސުވާލުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގިތެއްގަ އެވެ.
އަމީންގެ ގާނޫނީ ވަކީލުންގެ ހާޒިރުގައި ސުވާލުކުރި އިރު އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު އިޚްތިޔާރުކުރައްވާފައެވެ. އަމީނާ ސުވާލުކުރުމުގެ ކަންތައް އޮތީ ދޫނިދޫގައެވެ.
ތަހުގީގު ޓީމުން އަމީނާ ސުވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފެށުމުގެގޮތުން އާޓިފިޝަލް ބީޗުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބު ރަޝީދާ ވެސް އިއްޔެ ތަހުގީގު ޓީމުން ސުވާލުކުރިއެވެ. އެ ދެ ބޭފުޅުން ވެސް އިޚްތިޔާރުކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގެވެ.
ތަހުގީގަށް އެއްބާރުލުން ދެއްވައި، ތަހުގީގު ޓީމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އެކަންޏެވެ.
އެ ހަތަރު ބޭފުޅުންނާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރާ މައްސަލައަކީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަފުޅުދައްކަވާފައިވާ ކަމުގެ ތުހުމަތެވެ.